ޓުވީޓެއްގެ މައްސަލައިގައި ބެނާޑޯ އަށް އެއް މެޗުގެ ސަސްޕެންޝަނެއް!

މެންޗެސްޓާ ސިޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފުލްބެކް ބެންޖަމިން މެންޑީއާ ބެހޭގޮތުން ކުރި ޓުވީޓެއްގެ މައްސަލައިގައި މައާފަށް އެދިފައިވަނިކޮށް އިނގިރޭސި އެފްއޭ އިން އޭނާ ސަސްޕެންޑްކުރަން ނިންމައިފިއެވެ.

މި މައްސަލައިގައި ބެނާޑޯ އަށް އަދަބެއްގެ ގޮތުން، އެއް މެޗަށް ސަސްޕެންޑްކޮށްފައިވާއިރު، އަދި 50،000 ޕައުންޑުގެ ޖޫރިމަނާއެއް ދައްކަންވަނީ ޖެހިފައެވެ.

މެންޑީއާ ބެހޭގޮތުން ބެނާޑޯ ކުރި ޓްވީޓްގެ މައްސަލަ ހޫނުވީ އޭގައި ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ގޮތަށް އިބާރާތް ހުރުމުންނެވެ. ސްޕެއިނުގެ ޗޮކްލޭޓް ބްރޭންޑެއްގެ ކެރެކްޓާ ކޮންގީޓޯސް އާއި މެންޑީގެ ކުޑައިރުގެ ފޮޓޯ އެއް ހިމަނައިގެން ބެނާޑޯ ޓްވީޓްކުރީ އެ ކެރެކްޓާ އާއި މެންޑީއާ ވައްތަރު ކަމަށް ބަލައި މަޖަލަށެވެ. އެ ޓްވީޓާ މެދު މެންޑީގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. އެކަމަކު ސަޕޯޓަރުން އެ ޓްވީޓްގެ މައްސަލައިގައި ވާހަކަ ދައްކަން ފެށުމުން ފަހުން ބެނާޑޯ އެ ޓްވީޓް ޑިލީޓް ކުރި އެވެ.

އެގޮތުން އިނގިރޭސި އެފްއޭ އިން ނެރުނު ބަޔާނެއްގައިވަނީ، ދެ ކުޅުންތެރިއެއްގެ މެދުގައި މަޖަލަކަށް ކުރި ޓުވީޓެއް ނަމަވެސް، މިއީ ދެ އެކުވެރިންގެ މެދުގައި ހިނގާދިޔަ ކަމެއްގެ ގޮތުގައި ބެލެވެން ނެތްކަމަށާއި، ދުނިޔޭގެ އެންމެ މަތީ ލެވެލްގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ ދެމެދުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ގިނަ ބަޔަކަށް ފެނިގެން ހިނގާދިޔަ ކަމަކަށްވުމުން މައްސަލައިގެ ބާވަތުން މި ޓުވީޓަކީ ނަސްލީގޮތުން ތަފާތުކުރުމަށް ހިތްވަރުދީ، އެކަމަށް ބާރުއަޅައިދޭކަމެއްގެ ގޮތުގައި ބެލެވޭތީވެ، އެކަމަށް އަދަބެއް ދޭން ޖެހޭކަމަށް ގަބޫލުކުރެވުނީކަމަށެވެ.

މި މައްސަލައިގައި އިނގިރޭސި އެފްއޭ އިން ބެނާޑޯ އަށް އެއް މެޗުގެ ސަސްޕެންޝަނެއް ދީފައިވާއިރު، ސިޓީން ވަނީ އެ މައްސަލަ އިސްތިއުނާފްނުކުރަން ނިންމާފައެވެ. 

އެހެންކަމުން، ބެނާޑޯގެ ސަސްޕެންޝަނުގެ ސަބަބުން މިވަގުތު އަނިޔާގެ ބައެއް މައްސަލަތަކާހުރެ ގިނަ އުނދަގޫތަކެއް ދިމާވެފައިވާ ސިޓީ އަށް ޕްރިމިއާ ލީގުގައި މި މަހުގެ 23 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވުމަކީ ލިބޭނެ ބޮޑު ގެއްލުމެކެވެ. އެ ޓީމު މިވަގުތު އޮތީ ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލަށް ވުރެ ނުވަ ޕޮއިންޓް ފަހަތުން 25 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ. 

ކިޔުންތެރިންގެ ހިޔާލު