ފިލިޕީންސް އަތުން ބަލިވެ ރާއްޖެ އަށް ފުރުޞަތު ހަނިވެއްޖެ

ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: މިހާރު ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: މިހާރު

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕާއި 2023 ގައި ޗައިނާގައި އޮންނަ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ކުޅުނު ހަތަރުވަނަ މެޗުގައި އަމިއްލަ ދަނޑުގައި ފިލިޕީންސް އަތުން 2-1 އިން ބަލިވެ އިތުރަށް ކުރިއަށްދިއުމަށް ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ފުރުޞަތު ހަނިވެއްޖެއެވެ.

މިނަތީޖާއާއެކު ފިލިޕީންސް ވަނީ ގްރޫޕް އޭ ގެ ތާވަލްގެ ދެވަނައިގައި އުޅޭ ޗައިނާއާ އެއްވަރަށް ހަތް ޕޮއިންޓް ހަމަކޮށްފައެވެ. އެންމެ ކުރީގައި އުޅޭ ސީރިއާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ޗައިނާއާ ދެކޮޅަށް ސީރިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް އެއްވަނައިގައި ހަމަޖެހިލެވޭނެއެވެ. ރާއްޖެ އަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އުޅޭ ގުއާމް އަށް ޕޮއިންޓެއް ނުލިބެއެވެ.

ރާއްޖޭން މި މެޗަށް ނިކުތީ އެންމެ ފަހުން ސީރިއާ އަތުން 2-1 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރަ އަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ކެޕްޓަން އަދި ޑިފެންޑަރު އަކްރަމް އަބްދުލް ޣަނީ އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ އިތުރުން އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި އަލީ ފާސިރު (ސެންޓޭ) އަށް ފުރުޞަތުދީފައިވާއިރު، އެ މެޗުގެ ފަހު ހާފުގައި ކުޅެން ނިކުމެ ލަނޑުޖެހި ތަޖުރިބާކާރު ފޯވާޑު އަލީ އަޝްފާގް (ދަގަނޑޭ) އާއި މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި ދެ ކުޅުންތެރިންކަމަށްވާ އަހުމަދު ރިޒްވާން (ރިޒޭ) އަދި ނާއިޒް ހަސަން (ދާދު) ފެށީ ބެންޗުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ޑޮމިނޭޓްކުރިނަމަވެސް ލަނޑުޖެހުމަށް މާރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ. އެކަމަކު، ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، ފިލިޕީންސަށް ވަނީ ލަނޑުޖެހުމަށް ރަނުގެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. އެގޮތުން، ރާއްޖޭގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން މި ޕެނަލްޓީ ފިލިޕީންސްގެ ޕެޓްރިކް ރެއިޝެލްޓް ފޮނުވާލުމުން ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް މަތަކުރިއެވެ. މި ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

ފިލިޕީންސް އިން ދެވަނަ ހާފު ފެށިގެން ކުޅުން ރަނގަޅު ކުރިނަމަވެސް، މި ހާފު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރާއްޖެ އަށް ލީޑްނަގައިދިނުމަށް ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ފިލިޕީންސްގެ ކީޕަރު ނީލް އެތަރިޖް އާއި އެ ޓީމުގެ ޑިފެންޑަރުންގެ މަސައްކަތުން ވަނީ ސަލާމަތްކޮށްފައެވެ.

އޭގެފަހުން، މެޗުގެ 52 ވަނަ މިނެޓުގައި ރާއްޖޭގެ މެދުތެރެއިން ދިފާއުނުކުރެވުނު ބޯޅައެއް ފިލިޕީންސްގެ ކުޅުންތެރިން ހޯދުމަށްފަހު އެ ޓީމުގެ އިއާން ރަމްސޭ އަށް ޖައްސާލި ބޯޅަ އޭނާ ވަނީ އޭރިޔާތެރެއަށް ވަދެ ފޮނުވާލި ރީތި ހަމަލާއަކުން ލީޑްނަގައިދީފައެވެ.

ފިލިޕީންސުން ލީޑްނެގުމާއެކު ރާއްޖޭގެ ކޯޗު ޕީޓާ ސެގާޓް ވަނީ ސެންޓޭ އާއި އަސަދުﷲ ގެ ބަދަލުގައި ދަގަނޑޭ އާއި ދާދު ކުޅެން ނެރެފައެވެ. އެހެންނަމަވެސް، މި ދެ ކުޅުންތެރިން ކުޅެން އެރުވިތާ މާގިނައިރުތަކެއް ނުވަނީސް މެޗުގެ 68 ވަނަ މިނެޓުގައި ފިލިޕީންސްގެ ޖޯން ޕެޓްރިކް ސްޓްރައުސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ރާއްޖޭގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ފިލިޕީންސްގެ ލޫކް ވުޑްލެންޑް ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ފައިސަލް މަތަކުރުމުން ދެވަނަ ފަހަރަށް ރެއިޝެލްޓް ފޮނުވާލުމުން ގޯލްގެ ދަނޑީގައި ޖެހިފައި ނިކުތްވަގުތު ސްޓްރައުސް ފޮނުވާލައިގެންނެވެ.

އޭގެފަހުން، މި ހާފުގައި ކުޅެން ނިކުތް ރިޒޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ފިލިޕީންސްގެ ކީޕަރު އެތަރިޖް މަތަކުރިއިރު، ދަގަނޑޭ އަށް ލިބުނު ބޯޅަ ވަރަށް ހަނި އޭންގަލަކުން އޭނާ ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިމަތީން ބޭރަށެވެ. މި މެޗުގައި ރާއްޖޭން ޖެހި ހަމައެކަނި ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ދާދު އެވެ. މިއީ ދަގަނޑޭ ދިން ރީތި ޕާހަކުން ލިބުނު ބޯޅަ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ދާދު ކާމިޔާބުކުރި ގޯލެކެވެ.

ކޮލިފައިންގައި ރާއްޖެ އަށް ދެން އޮތީ އަންނަ އަންގާރަ ދުވަހު މާލޭގައި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު ކުޅެވޭ އަނެއް މެޗުގައި ފިލިޕީންސް ނިކުންނާނީ ރަށުން ބޭރުގައި ސީރިއާ އާ ދެކޮޅަށެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު