އެޓޯލް ޕްރޮޖެކްޓް ހިންގަން މަހިބަދޫ ސްޕޯޓްސް އަދި ކްލަބް އޭދަފުއްޓާއެކު އެފްއޭއެމުން އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު ނިއުޝާ
އެއްބަސްވުމުގައި ސޮއި ކުރުމަށް އެފްއޭއެމުން މަހިބަދޫ ސްޕޯޓްސްއާއެކު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް އެއްބަސްވުމުގައި ސޮއި ކުރުމަށް އެފްއޭއެމުން މަހިބަދޫ ސްޕޯޓްސްއާއެކު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޕްރޮޖެކްޓް، “ޓުވާޑްސް ފިއުޗާ” ބެނާގެ ދަށުން، ޒުވާން ކުޅުންތެރިން އުފެއްދުމަށާއި، އަދި ތަމްރީނުކުރުމަށް، "މަހިބަދޫ ސްޕޯޓްސް ކްލަބް" އަދި "ކްލަބް އޭދަފުށި" އާ ހަވާލުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެފްއޭއެމްގެ "ޓުވާޑްސް ފިއުޗާ" މި ޕްރޮޖެކްޓުގެ މައިގަނޑު މަޤުޞަދަކީ، ޒުވާން ކުޅުންތެރިންތަކެއް ތަމްރީނުކުރުމެވެ.
އެގޮތުން މި ޕްރޮޖެކްޓް ހިންގަން ޙަވާލުކޮށްފައިވަނީ މުޅި ޖުމުލަ 8 ރަށަކާއެވެ. މިހާރު މި ޙަރަކާތް ފަށާފައިވަނީ ފ. ނިލަންދޫ އާއި، ހދ. ކުޅުދުއްފުއްޓާއި، ޏ. ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގަ އެވެ. ހަމަ އެހެންމެ މި ޕްރޮޖެކްޓް ދެން އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވަނީ، ލ. އަތޮޅާއި ދ. އަތޮޅުގައެވެ.
އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ފުޓްބޯޅައިގެ މަސައްކަތްކުރުމާއި، އަދި އެކެޑެމީތައް ހިންގުމުގެ މަސައްކަތްތައް ކުރަން ރާވާފައިވަނީ ކޮންމެ  ރަށެއްގެވެސް، ކްލަބަކާއި ނުވަތަ ފުޓްބޯޅަ އަށް ނިސްބަތްވާ ޖަމުޢިއްޔާއަކާ ގުޅިގެން ކަމަށެވެ. އެއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި އެފްއޭއެމް އެކަނި މަސަތްކަތްކޮށްގެން މި މަސައްކަތްތައް ކުރިއަށްގެންދަން އުނދަގޫވާނެތީ ކަމުގައިވެސް، ބައްސާމު ވިދާޅުވިއެވެ.
" އަޅުގަނޑުމެން ބޭނުންވަނީ މުޅި ރާއްޖޭގައި އެފްއޭއެމް އާއި ގުޅިގެން އެކެޑެމީތަކެއް ހިންގުން. އެފްއޭއެމް އެކަނި މަސައްކަތް ކޮށްގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިކަން ކުރިއަށްގެން ދިއުމަކީ، ވަރަށް އުނދަގޫ ކަމެއް. އެކަމަކު މިކަމަށް ޕެޝަނޭޓް ބޭފުޅުން އަތޮޅު ތެރޭގައި އެބައުޅުއްވާ. އެބޭފުޅުންނާ ގުޅިގެން އަޅުގަނޑުމެން މިހާރު މިދަނީ ވަކިވަކި ރަށްތަކުގައިވެސް، އެކެޑެމީތައް އުފެއްދުމުގެ މަސަތްކަތް ކުރަމުން، " ބައްސާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު