އާސެނަލްގެ ކުޅުންތެރިން ކަރަންޓީންކޮށްފި

ކޮރޯނާވައިރަސް އާ ގުޅިގެން އާސެނަލްގެ ކުޅުންތެރިންނާއި އޮފިޝަލުންތަކެއް ކަރަންޓީންކޮށް، ޕްރިމިއާ ލީގުގައި މިރޭ އާސެނަލް ޓީމާއި މެންޗެސްޓާ ސިޓީ ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.
މި ނިންމުން ނިންމީ ޔުރޮޕާ ލީގުގައި މީގެ ދެ ހަފުތާ ކުރިން އާސެނަލުން ވާދަކުރި ގްރީކުގެ ކްލަބް، އޮލިމްޕިއާކޯސްގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސް، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ލަންޑަނުގައި ކުޅުނު މެޗަށް ފަހު އޭނާއާ އާސެނަލްގެ ބައެއް ކުޅުންތެރިން ބައްދަލުކުރި ކަމަށް މައުލޫމާތު ލިބެއެވެ.
އާސެނަލުން ބުނެފައިވަނީ އެކްލަބުން އަންނަނީ ސަރުކާރުގެ އެންގުންތަކަށް ފުރިހަމަ އަށް ތަބާވަމުން ކަމަށާއި އޭގައިވާ ގޮތުން ކޮރޯނާވައިރަސް ހުރި މީހަކާ ކޮންޓެކްޓްވި މީހަކު، އެ ބައްދަލުވުމެއް ހިނގި ފަހުން 14 ދުވަސް ވަންދެން އަމިއްލަ އަށް އެކަހެރިވާން ޖެހޭ ކަމަށެވެ.
އެހެންކަމުން މިރޭގެ މެޗަށް އާސެނަލްގެ ކުޅުންތެރިންނަށް ދެވޭނެ ގޮތެއް ނެތުމުން މެޗު ފަސްކުރަން ޕްރިމިއާ ލީގުން ނިންމާފައިވާ ކަމަށެވެ.
އަލާމާތެއް ފެންނަންދެން އަމިއްލަ އަށް ކަރަންޓީންވާން ޖެހޭ 14 ދުވަހުގެ މުއްދަތު ހުކުރު ދުވަހު ހަމަވާނެ އެވެ. އެހެންވެ ލީގުގައި ހޮނިހިރު ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކުޅުންތެރިން އެނބުރި އަންނާނެ ކަމަށް އާސެނަލުން އުއްމީދުކުރެ އެވެ.