ސްޕޯޓްސް ކައުންސިލްގެ ރައީސަކަށް ނާހިދު އައްޔަންކޮށްފި

ނާހިދު (ކ) އަދި ސްޕޯޓްސް މިނިސްޓަރ މަހްލޫފް (ވ) ނާހިދު (ކ) އަދި ސްޕޯޓްސް މިނިސްޓަރ މަހްލޫފް (ވ)

ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސްގެ މަގާމަށް ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު އިބްރާހީމް ނާހިދު އައްޔަނުކުރައްވައިފިއެވެ. 

އިއްޔެ މިކަން ހާމަކުރައްވައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާހިދުގެ ތަޖުރިބާއާއި އެހީތެރިކަން މުޅި ކުޅިވަރު އާއިލާއަށް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނާހިދު މީގެކުރިން ހުންނެވީ ސްޕޯޓްސް ކައުންސިލްގެ ނައިބް ރައީސްގެ މަގާމުގައެވެ. 

ސްޕޯޓްސް ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެމަގާމު އަަދާކުރައްވަމުން ގެންދެވި އިބްރާހީމް އިސްމާއީލް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމަގާމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ. 

މި މަގާމަށް އައްޔަނުކުރެވުނު ނާހިދަކީ 13 އަހަރަށް ވުރެ ގިނަ ދުވަހު ބާސްކެޓްބޯޅައަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ވަނީ 2008 އިން ފެށިގެން 2013 ވަނަ އަހަރަށް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި މަސައްކަތް ކުރައްވާފައެވެ. ނާހިދު ވަނީ ގައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކޯޗުކަމުގެ އިތުރުން އެޓީމުގެ ކެޕްޓަންކަން ވެސް ކުރައްވާފައެވެ.

ނާހިދު ވަނީ ރާއްޖެއިން އެންމެފަހުން ބައިވެރިވި ތިން ބައިނަލްއަގްވާމީ ގޭމްސްގައި ވެސް ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަންގެ މަގާމް ވެސް ފުރުއްވާފައެވެ. ޖުމްލަ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޕޯޓްސް ކައުންސިލްގައި ތިއްބަވަނީ އެސޯސިއޭޝަންތައް ތަމްސީލުކުރާ ހަތަރު މެންބަރުންނާއި، ކުޅިވަރާ ބެހޭ ވުޒާރާގެ ތެރެއިން ވަޒީރު އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ދެ އަންހެން މެންބަރުންނާއި، ޤާނޫނީ ވަކީލަކާއި، އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލުކުރައްވާ މެންބަރަކާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަނޑައަޅާ މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު