ހުޅުމާލޭގައި ޓީޓީ ހޯލެއް ހުޅުވަނީ

ހުޅުމާލޭގައި ޓޭބަލް ޓެނިސް (ޓީޓީ) ފަރިތަކުރުންތަކަށް ހާއްސަ ހޯލެއް ގާއިމްކުރުމަށް ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ މިއަދު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްއެވެ. 

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވީ ފާއިތުވެދިޔަ 60 އަހަރުތެރޭ ޓީޓީ ކުޅުމަށް މާލޭގެ ޓީޓީ ހޯލް ފިޔަވައި ފުރަތަމަ ފަހަރަށް އައު ޓީޓީ ހޯލެއް ޓީޓީ އެސޯސިއޭޝަނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ގާއިމްކުރެވޭ ޓީޓީ ހޯލް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. 

ހުޅުމާލޭގައި ޓީޓީ ކުޅުމަށް ހޯލެއް ގާއިމްކުރަނީ މިނީ ސްޕޯޓްސް ކޮޮމްޕްލެކްސްގެ ތިންވަނަ ފަންގިފިލާގައެވެ. މިހާރު ވެސް އެކޮމްޕްލެކްސްގައި އަންނަނީ ގައުމީ ބިލިއަރޑް ޓީމާއި ސްވިމިންގ ޓީމްގެ ފަރިތަކުރުންތައް ކުރިޔަށް ގެންދަމުންނެވެ. އަދި ދާދިފަހުން ވަނީ މާޝަލް އާރޓްސް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވެސް އެތަން ދޫކޮށްފައެވެ. 

ޓީޓީ އެސޯސިއޭޝަންގެ އައު އެކްސްކޯގެ ނައިބް ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތް ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އިބްރާހީމް ޝިއުރީ ވިދާޅުވީ މިއީ އައު އެކްސްކޯގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި އެކަމަށް މަގުފަހިކޮށްދެއްވި ކަމަށްޓަކައި މަހްލޫފާއި ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ޓީޓީ އެހެން ހަރުފަތަކަށް ގެންދިޔުމަށް އެ އެސޯސިއޭޝަންގެ ފަރާތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި އެންމެ ވިދާލީ ރާއްޖޭގެ އަންހެން ޓީޓީ ޓީމެވެ. ޒުވާން ކުޅުންތެރިންތަކަކާއެކު އެޓީމުން އަންނަނީ ސަރަހައްދީ ފެންވަރުގައި ވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު