ޖޮކޮވިޗް ބަލިކުރަން ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ނަޑާލް

ފްރެންޗް އޯޕަންގެ ފައިނަލްގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޮވާކް ޖޮކޮވިޗް ބަލިކުރުމަށް ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް ސްޕެއިންގެ ރަފައޭލް ނަޑާލް ބުނެފިއެވެ. 

ނަޑާލް މިހެން ބުނީ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަމުންނެވެ. އުމުރުން 34 އަހަރުގެ ނަޑާލް ބުނީ ޖޮކޮވިޗްއާ ދެކޮޅަށް ކުޅެން އެނގޭ ކަމަށާއި ކުޅޭއިރު އޭނާއަށް ކުޅެވޭ އެންމެ މަތީ ލެވެލްގައި ކުޅެން ޖެހޭ ކަމަށެވެ. އަދި ޖޮކޮވިޗް އަކީ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ އަބަދުވެސް ފްރެންޗް އޯޕަންގެ ފައިނަލް ރައުންޑްތަކުގައި ކުޅޭ ކުޅުންތެރިޔެއްކަން ނަޑާލް ފާހަގަކުރިއެވެ. 

ނަޑާލް ފައިނަލްގެ ޖާގައެއް ހޯދީ ސެމީ ފައިނަލްގައި އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި އަހަރުގެ ފްރެންޗް އޯޕަންގައި ނަޑާލް އަތުން އަދި ސެޓެއް ގެއްލިފައެއް ނުވެއެވެ. ފައިނަލްގެ ޖާގައެއް ޖޮކޮވިޗް ހޯދީ ސެމީގައި ގްރީސްގެ ސްޓެފަނޯސް ސްޓިޕިއަސް އަތުން ތިން ސެޓު ދެ ސެޓުން މޮޅުވެގެންނެވެ. 

މިއަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކޮށްފިނަމަ ނަޑާލް ގާއިމްކޮށްފައިވާ އެންމެ ގިނަ ފްރެންޗް އޯޕަން ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑް 13 ތައްޓާއެކު އޭނާ އައުކުރާނެއެވެ. އަދި މެންސް ސިންގަލްސްގައި 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ސްވިޓްޒަލޭންޑްގެ ރޯޖާ ފެޑެރާ ގާއިމްކޮށްފައިވާ ރެކޯޑާއި އޭނާ އަރާ ހަމަކުރާނެއެވެ. 

މި ދެ ކުޅުންތެރިންގެ މެދުގައި މިހާތަނަށް 55 މެޗު ކުޅެފައިވާއިރު 29 މޮޅާއެކު ކުރީގައި އޮތީ ޖޮކޮވިޗްއެވެ. އެހެން ނަމަވެސް ގްރޭންޑް ސްލޭމް މެޗުތަކުން ކުރީގައި އޮތީ ނަޑާލްއެވެ. 

ކިޔުންތެރިންގެ ހިޔާލު