13 ވަނަ ފްރެންޗް އޯޕެންއާއެކު ނަޑާލް ވެސް 20 ގްރޭންޑް ސްލޭމް ހަމަކޮށްފި

ޓެނިހުގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ މުބާރާތްތައް ކަމަށްވާ ގްރޭންޑް ސްލޭމްގެ 20 ތަށި ކާމިޔާބުކުރި ދެވަނަ ކުޅުންތެރިޔާގެ މަގާމް ސްޕެއިންގެ ރަފައޭލް ނަޑާލް ހޯދައިފިއެވެ. އޭނާ 20 ގްރޭންޑް ސްލޭމް ހަމަކުރީ ފްރެންޗް އޯޕަންގެ ފައިނަލްގައި ދުނިޔޭގެ އެއްވަނައިގައި ރޭންކްް ކުރެވިފައިވާ ސާބިއާގެ ނޮވާކް ޖޮކޮވިޗް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. 

މި މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-0، 6-2 އަދި 7-5 އިންނެވެ. މިިއީ ފްރެންޗް އޯޕަންގެ ތަށި ނަޑާލް ކާމިޔާބުކުރި 13 ވަނަ ފަހަރު ކަމަށްވާއިރު އޭނާއާ އެއްވަރަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް މި މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިފަހަރުގެ މުބާރާތް އޭނާ ކާމިޔާބުކުރިއިރު އޭނާ އަތުން އެއްވެސް ސެޓެއް ގެއްލިފައެއް ނުވެއެވެ. ނަޑާލް ވަނީ ފްރެންޗް އޯޕަންގައި މިހާތަނަށް 100 މެޗު ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބާއެކު 20 ގްރޭންޑް ސްލޭމްއާއެކު ސްވިޓްޒަލޭންޑްގެ ރޯޖަރ ފެޑެރާ ގާއިމްކޮށްފައިވާ ރެކޯޑާއި ނަޑާލް ވަނީ ހަމަކޮށްފައެވެ. ފެޑެރާ ވަނީ މިކަމާއި ގުޅިގެން ނަޑާލްއަށް މަރުހަބާ ކިޔާފައެވެ. 

މިއީ ޖޮކޮވިޗް މިއަހަރު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު