ހަޒާޑް އަދި ކަސެމީރޯ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް އަދި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ. 

ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ ޓެސްޓްތަކުގައި މި ކުޅުންތެރިން ޕޮޒިޓިވްވެފައިވާއިރު އާދިއްތަ ދުވަހު ވެލެންސިއާ އާ ދެކޮޅަށް ވެލެންސިއާގެ ދަނޑުގައި ކުޅޭ މެޗުގައި މި ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ. އުމުރުން 28 އަހަރުގެ ކަސެމީރޯ އަދި 29 އަހަރުގެ ހަޒާޑް އަންނަނީ މިހާރު ސެލްފް އައިސޮލޭޝަން ފުރިހަމަކުރަމުންނެވެ. 

މީގެކުރިން އެޓީމުގެ ބްރެޒިލް ޑިފެންޑަރު އެޑަރ މިލިޓާއޯ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާއަށް ވެސް ވެލެންސިއާ އާ ދެކޮޅަށް ނުކުޅެވޭނެއެވެ. 

އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ވެސް ގިނަ މެޗުތަކެއް ހަޒާޑަށް ގެއްލުނު އިރު ޗެމްޕިއަންސް ލީގުގައި 3-2 އިން އިންޓަ މިލާން ބަލިކުރި މެޗުގެ 65 ވަނަ މިނެޓުގައި އޭނާ ވަނީ އަނިޔާވެގެން ބާލާފައެވެ. އެހެން ނަމަވެސް އެއީ ސީރިއަސް އަނިޔާއެއް ނޫނެވެ. 

ކުޅުނު ހަތް މެޗުން ލިބުނު 16 ޕޮއިންޓާއެކު އެންމެފަހުގެ ޗެމްޕިއަން ރެއާލް އޮތީ ތާވަލުގެ ދެވަނައިގައެވެ. 

ކިޔުންތެރިންގެ ހިޔާލު