ބާސާ އަދި އެތުލެޓިކޯ ވެސް މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުތައް ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. 

ބާސާއިން ވަނީ އަމިއްލަ ދަނޑުގައި 5-2 އިން ރެއާލް ބެޓިސް ބަލިކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އުސްމާން ޑެމްބެލޭއެވެ. ބެޓިސްއިން ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޕަބްލޯ ސަނާބްރިއާއެވެ. ފުރަތަމަ ހާފުގައި ބާސާގެ ގްރީޒްމަން ޕެނަލްޓީއެއް ވެސް ބޭކާރުކޮށްލިއެވެ. 

ދެވަނަ ހާފުގައި ލިއޮނެލް މެސީ ކުޅެން ނުކުތްއިރު ބާސާއިން އަލުން އަނބުރާ މެޗުގެ ލީޑު ނެގީ 49 ވަނަ މިނެޓުގައި ގްރީޒްމަން ޖަހައިދިން ލަނޑަކުންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ބެޓިސްގެ އައިސާ މެންޑީއަށް ރަތް ކާޑު ދެއްކިއިރު މެސީ ވަނީ ޕެނަލްޓީއަކުން ބާސާގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ލޮރެން މޮރޭނޯ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ބެޓިސްއަށް ކުޑަކޮށްދިން ނަމަވެސް މެސީ ވަނީ 82 ވަނަ މިނެޓުގައި ބާސާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެޓީމުގެ ފަސްވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ޕެޑްރީއެވެ. 

އެތުލެޓިކޯއިން ވަނީ 4-0 އިން ކާޑިޒް ބަލިކޮށްފައެވެ. ޔާއޯ ފީލިކްސް މި މެޗުގައި ދެ ލަނޑެ ޖެހިއިރު ލުއިސް ސުއަރޭޒް އަދި މާކޯސް ލޮރެންޓޭ ވެސް މި މެޗުގައި އެޓީމަށް ލަނޑު ޖަހައިދިނެވެ. 

މި މެޗުތަކާއެކު 17 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތްއިރު 11 ޕޮއިންޓާއެކު އަށްވަނައިގައި އޮތީ ބާސާއެވެ. 

ކިޔުންތެރިންގެ ހިޔާލު