ހުޅުމާލޭ ބިލިއާޑް ހައުސް ރަސްމީކޮށް ހުޅުވައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި މޯލްޑިވްސް ޕޫލް ބިލިއާޑްސް އެސޯސިއޭޝަނާއެކު ގާއިމްކުރި ހުޅުމާލޭ ބިލިއާޑް ހައުސް ރަސްމީކޮށް ހުޅުވައިފިއެވެ. 

މި ތަން ރަސްމީކޮށް ހުޅުއްވައިދެއްވީ ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ނައިބް ރައީސް ފައިސަލް ނަސީމްއެވެ. އެމަނިކުފާނާއެކު މި ރަސްމިއްޔާތުގައި އެމަނިކުފާނާއެކު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި، އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރުއާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުގެ އިތުރުން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 

މިކަމާއި ގުޅިގެން މިނިސްޓަރ މަހްލޫފް ވިދާޅުވީ މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިރުޝާދާއި އެއްގޮތަށް ކުދި ކުޅިވަރުތަކާއި ބޮޑު ކުޅިވަރުތައް ތަފާތު ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މާލޭގައި ގާއިމްކުރަމުން އަންނަ ދުނިޔޭގެ ފެންވަރުގެ ފެސިލިޓީ ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށާއި އެއާއެކު ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވިގެންދާނެ ކަމަށް ވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ. 

ހުޅުމާލޭ ބިލިއާޑް ހައުސް ހުޅުއްވައި ދެއްވުމަށްފަހު ނައިބް ރައީސް ވަނީ ރާއްޖޭގެ އެއްވަނަ އަންހެން ބިލިއާޑު ކުޅުންތެރިޔާ ކަމުގައިވާ އައިމިނަތު ފާތީއާއެކު ބިލިއާޑު މެޗެއް ކުޅުއްވާފައެވެ. އަދި މިނިސްޓަރ މަހްލޫފް ވެސް ވަނީ ރާއްޖޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާއާ ދެކޮޅަށް މެޗެއް ކުޅުއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު