ދަގަނޑޭގެ ޝުކުރު ސަޕޯޓަރުންނަށް

އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލު ހޮވުމަށް ކުރިޔަށް ގެންދާ އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ކުއާޓާ ފައިނަލުން މޮޅުވުމާއި ގުޅިގެން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފިއެވެ. 

ގާތްގަނޑަކަށް 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ ގުއެން ވެންކުއާގެ މައްޗަށް ދަގަނޑޭގެ ގޯލު ކުރި ހޯދީ 51.45 އިންސައްތަ ވޯޓާއެކުއެވެ. މި ޗެލެންޖްގައި ވާދަކުރުމަށް ހޮވާފައިވަނީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް އާއެކު އޭނާ ޖެހި ފަސް ލަނޑުގެ ތެރެއިން މުޅި ޑިފެންސް ފޫ އަޅުވާލުމަށްފަހު ކީޕަރު ވެސް ކަޓުވާލައި އޭނާ ޖެހި ލަނޑެވެ.

މިކަމާއި ގުޅިގެން ދަގަނޑޭ ވަނީ މި ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ދެވަނައެއް ނުވާ ސަޕޯޓަރުން އޭނާއާއެކު ތިބުމަކީ ނުހަނު އުފާ ކުރާކަމެއް ކަމަށް އޭނާ ބުންޏެވެ. 

ދަގަނޑޭ ކުއާޓާއަށް އައީ ވެސް ރާއްޖެ އާއި ބަލައި ބޮޑެތި އާބާދީތައް ހިމެނޭ ގައުމުތަކަށް ނިސްބަތްވާ ޓީމުތަކުގެ ކުޅުންތެރިން ބަލިކުރުމަށްފަހުއެވެ. އެގޮތުން އޭނާ ވަނީ ކުވައިތުގެ ކުވައިތު އެފްސީގެ ރޮޖަރީނިއޯ އަދި ބަންގްލަދޭޝްގެ އަބްހާނީ ޑާކާގެ ސޮހެލް ރަނާ ވެސް ބަލިކޮށްފައެވެ. މިދިޔަ ދެ ދުވަހުގެ ތެރޭގައި ދިވެހިން ވަނީ ދަގަނޑޭއަށް ވޯޓު ހޯދުމުގެ ޕޯސްޓްތަކުން ސޯޝަލް މީޑިއާ ފުރާލާފައެވެ. 

ކިޔުންތެރިންގެ ހިޔާލު