ޖަރުމަނު ކޮޅަށް ހަ ލަނޑު ޖަހައި ސްޕެއިން ފައިނަލަށް

ދުނިޔޭގެ ފުޓްބޯޅައިގެ ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދި ޖަރުމަނު ކޮޅަށް ހަ ލަނޑު ޖަހައި ސްޕެއިނުން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. 

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި މެންޗެސްޓާ ސިޓީއަށް ކުޅޭ ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭޒް ވަނީ ހެޓްރިކެއް ހަދާފައެވެ. މިއީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި ފުރަތަމަ ހެޓްރިކެވެ. މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ސްޕެއިންއަށް ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ. 33 ވަނަ މިނެޓުގައި ޓޮރޭޒް އޭނާގެ ފުރަތަމަ ލަނޑު ޖެހިއިރު އޭގެ ފަސް މިނެޓު ފަހުން ރޮޑްރީ ވަނީ ލަނޑެއް ޖަހައި ސްޕެއިންގެ ލީޑު ތިން ގޯލަށް ފުޅާކޮށްދީފައެވެ. 

ސްޕެއިންގެ ހަތަރުވަނަ ލަނޑު 55 ވަނަ މިނެޓުގައި ޓޮރޭޒް ޖަހައިދިންއިރު 71 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. މި މެޗުގައި ސްޕެއިން އިން ޖެހި ހަވަނަ ލަނޑު 89 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މިކެލް އޮޔަރަޒަބަލްއެވެ. 

މި މޮޅާއެކު ސްޕެއިނުން ވަނީ ނޭޝަނަސް ލީގުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ސްޕެއިންގެ އިތުރުން އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ވެސް ވަނީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު