އިޓަލީ އަދި ބެލްޖިއަމް ނޭޝަންސް ލީގުގެ ފައިނަލަށް

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުން އިޓަލީ އަދި ބެލްޖިއަމް ޖާގަ ހޯދައިފިއެވެ.

ބެލްޖިއަމް ފައިނަލަށް ދަތުރުކުރީ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން ޑެންމާކް ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބެލްޖިއަމްއިންނެވެ. މި ލަނޑު 3 ވަނަ މިނެޓުގައި ޔޫރީ ޓީލަމަންސް ޖަހައިދިންއިރު 17 ވަނަ މިނެޓުގައި ޖޯނަސް ވިންޑް ވަނީ ލަނޑެއް ޖަހައި ޑެންމާކަށް އެއްވަރުކޮށްދީފައެވެ. 

ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމުނުއިރު ބެލްޖިއަމްއަށް އަލުން އަނބުރާ ލީޑު ނަގައިދިނީ ރޮމެލޫ ލުކާކޫއެވެ. ބެލްޖިއަމްގެ ތިންވަނަ ލަނޑު ވެސް ލުކާކޫ ޖަހައިދިންއިރު ހަތަރުވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ކެވިން ޑެބްރައިނާއެވެ. ޑެންމާކުގެ ދެވަނަ ލަނޑަކީ 86 ވަނަ މިނެޓުގައި ބެލްޖިއަމްގެ ނަސަރ ޗަޑްލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. 

ގްރޫޕް އޭ އިން ފައިނަލަށް ކޮލިފައިވީ އިޓަލީއެވެ. އިޓަލީ ކޮލިފައިވީ 2-0 އިން ބޮސްނިއާ ބަލިކޮށްގެންނެވެ. އެ ގްރޫޕްގެ ދެވަނައިގައި އޮތް ނެދަލޭންޑްސްއަށް ވުރެ އިތުރަށް އިޓަލީއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. 
ޔުއެފާ ނޭޝަންސް ލީގުގެ މިއަހަރުގެ ފައިނަލް ބުރުގައި ވާދަކުރަނީ މި ދެ ޓީމުގެ އިތުރުން ސްޕެއިން އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސްއެވެ. 

ކިޔުންތެރިންގެ ހިޔާލު