ސިޓީ ބަލިކޮށް ޓޮޓެންހަމް ތާވަލުގެ އެއްވަނައަށް

ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައަށް ޖޯސޭ މޮރީނިއޯގެ ޓޮޓެންހަމް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. 

މި މެޗުގައި ޓޮޓެންހަމްއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ދެކުނު ކޮރެއާގެ ފޯވާޑް ސޮންއެވެ. ޓޮޓެންހަމްގެ ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމަށް ޖަހައިދިނީ އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނީ ލޮސެލްސޯއެވެ. 

ޗެލްސީއިން ވަނީ 2-0 އިން ނިއުކާސަލް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މި މެޗުގައި ޗެލްސީއިން ޖެހި ފުރަތަމަ ލަނޑަކީ ނިއުކާސަލްގެ ފެޑެރީކޯ ފަނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ދެވަނަ ލަނޑު ޖަހައިދިނީ ޓެމީ އަބްރަހަމްއެވެ. 

މެންޗެސްޓާ ޔުނައިޓެޑުން ވަނީ 1-0 އިން ވެސްޓް ބްރޮމް ބަލިކޮށްފައެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ޖަހައިދިނީ ބްރޫނޯ ފަނާންޑޭޒްއެވެ.

މި މެޗުތަކާއެކު ތާވަލުގެ އެއްވަނައަށް ޓޮޓެންހަމް ޖެހިލީ ކުޅުނު 9 މެޗުން ލިބުނު 20 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޗެލްސީއަށް 18 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ލެސްޓާ އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 18 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. ސިޓީ އޮތީ 8 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ. 

ކިޔުންތެރިންގެ ހިޔާލު