އާޖެންޓީނާގެ ލެޖެންޑް މެރަޑޯނާ މަރުވެއްޖެ

ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ޑިއޭގޯ މެރަޑޯނާ މަރުވެއްޖެއެވެ. އުމުރުން 60 އަހަރުގައި މެރަޑޯނާ މަރުވީ ކާޑިއަކް އެރެސްޓްއްގެ ސަބަބުންނެވެ. 

އޭނާއަށް 60 އަހަރު ފުރުމާއި ގުޅިގެން ބޭއްވި އުފަން ދުވަހުގެ ޕާޓީއަށްފަހު މެރަޑޯނާ ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައެވެ. އެގޮތުން ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން އޭނާއަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ. އޭނާގެ ޓެސްޓް ތަކުން ސިކުނޑީގައި ބްލަޑް ކްލޮޓެއް އިންކަން ހާމަވުމުން ކުރި އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށް ޑޮކްޓަރުން މީގެކުރިން ބުނެފައިވެއެވެ. 

އޭނާގެ ރިކަވަރީއަށް ގެޔަށް ޑޮކްޓަރުން ދޫކޮށްލިއިރު އޭނާ ހުރީ ގޭގައެވެ. އެހެން ނަމަވެސް ހާޓް ފެއިލްވުމާއި ގުޅިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށް އައި ޕެރަމެޑިކުންނަށް ވެސް އޭނާ ސަލާމަތްކުރެވިފައެއް ނުވެއެވެ. 

އުމުރުން 16 އަހަރުގައި ޕްރޮފެޝަނަލް ކެރިއަރު ފެށި މެރަޑޯނާ ވަނީ ޔޫރަޕުގެ މަޝްހޫރު ކްލަބްތަކަކަށް ކުޅެ ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ. އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރިއިރު އެ ޓީމުގެ ކެޕްޓަން އަދި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ވެސް މެރަޑޯނާއެވެ. އިނގިރޭސިވިލާތް ކޮޅަށް އޭނާ ޖެހި ދެ ލަނޑަކީ ވެސް ފުޓްބޯޅައިގެ ތާރީހުގައި ހޮވާލެވޭ އެންމެ މޮޅު ލަނޑުތައް ކަމަށް ގިނަ ބަޔަކު ދެކެއެވެ. 

ކިޔުންތެރިންގެ ހިޔާލު