މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކުރަން ޖެހޭ: އެންޓޯނިއޯ ގުޓެރޭސް

އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް

މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތެއް ކޮންމެ ގައުމަކުންވެސް އިއުލާންކުރުމަށް އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިގޮތަށް ގޮވާލެއްވީ ޕެރިސް އެއްބަސްވުމަށް ފަސް އަހަރުފުރުން ފާހަގަކުރުމަށް އ.ދ އިން އޮންލައިންކޮށް އިއްޔެ ބޭއްވެވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ ފަސް އަހަރު ކުރިން ޕެރިސް އެއްބަސްވުމުގައި، ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީސް ސެލްސިއަސްއަށްވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ދުނިޔޭގެ ގިނަ ގައުމްތަކަކުން އެއްބަސްވިއެވެ. މިކަމަށް އަލި އަޅުއްވައިލައްވަމުން އ.ދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އެކަން ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތް ގިނަ ގައުމްތަކަކަށް ނުކުރެވޭކަމަށެވެ. އެގޮތުން، ގައުމްތަކުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ނާޅާ ދޫކޮށްލައިފިނަަމަ މި ގަރުނުގައި ދުނިޔެ 3 ޑިގްރީސް ސެލްސިއަސް ހޫނުވާނެކަން އެންޓޯނިއޯ ގުޓެރޭސް ހާމަކުރެއްވިއެވެ.

މިކަން ހައްލުކުރުމަށް ކާރބަން ނިއުޓްރާލިޓީ ހާސިލްވަންދެން މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތެއް ކޮންމެ ގައުމެއްގައިވެސް އިއުލާންކުރުމަށް ގުޓެރޭސް އެދިވަޑައިގެންނެވިއެވެ. އަދި ދުނިޔެއަށް ވިހަ ގޭސްތައް އެންމެ ގިނައިން ދޫކުރާ އޭވިއޭޝަން އަދި ޝިޕިންގ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުން ގުޅިގެން ކާރބަން ނިއުޓްރާލިޓީ ހާސިލްކުރުމަށް މަގު ޗާޓެއް އެކުލަވާލަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ކްލައިމެޓް އެމްބިޝަން ސަމިޓަކީ އިނގިރޭސިވާލާތާއި، ފްރާންސް އަދި އ.ދ. އިން އިސްނަގައިގެން ޗިލީ އަދި އިޓަލީގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ސަމިޓެކެވެ. މި ސަމިޓުގައި ކޮންމެ ގައުމަކުންވެސް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކަނޑައަޅާފައިވާ ފްރޭމްވޯރކް އެހެން ގައުމްތަކާއެކު ހިއްސާކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ. މި ސަމިޓުގައި 70 ގައުމުގެ ލީޑަރުން ވާހަކަދެއްކެވިއެވެ.

ކިޔުންތެރިންގެ ހިޔާލު