އަފްއާނިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 8 މީހަކު މަރުވެއްޖެ

އަފްއާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދު ދިން ބޮމުގެ ހަމަލާއެއްގައި އަށް މީހަކު މަރުވެ 15 މީހަކަށް އަނިޔާވެއްޖެއެވެ.

އަފްއާނިސްތާނުގެ އިންޓީރިއަރ މިނިސްޓްރީގެ ސްޕޯކްސްމަން ތާރިގް އާރިއަން މިއަދު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޓެރަރިސްޓުން މި ހަމަލާ ދީފައިވަނީ ކާރެއްގައި ބޮމެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދޮށީ މީހުން މަރުވެފައިވާއިރު، އަނިޔާވި މީހުންގެ ތެރޭގައި އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވެސް ހިމެނެއެވެ.

ބެލެވޭ ގޮތުން ހަމަލާދީފައިވަނީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޚާން މުހައްމަދު ވަރްދަކް އަށް އަމާޒުކޮށެވެ. އެގޮތުން، ބޮން ގޮށްވާލައިފައިވަނީ އޭނާގެ ކާރު އެ ހިސާބުން ދުއްވާފައިދަނިކޮށެވެ. 

މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯ ތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މި ވީޑިއޯތަކުން ފެންނަ ގޮތުން ބޮމުގެ ސަބަބުން އިތުރު ދެ ކާރުގައި ރޯވެ އެ ސަރަހައްދުގެ ގެ ތަކަށްވެސް އެކި ވަރުގެ ގެއްލުން ވެފައިވެއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައިނުވި ނަމަވެސް، ފަހަކަށް އައިސް އައިސިސް އިން އަފްއާނިސްތާނުގައި ދޭ ބޮމުގެ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. މީގެ ތެރޭގައި މަދަރުސާއަކަށް ދިން ހަމަލާއެއްގައި 50 މީހުން މަރުވި ހާދިސާގެވެސް ޒިންމާ ނަގާފައިވަނީ އައިސިސް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު