ކޮވިޑްގެ އައު ސްޓްރެއިންއާ ގުޅިގެން ސައުދީ، ކުވައިތު އަދި އޮމާންގެ ބޯޑަރު ވެސް ބަންދުކޮށްފި

ކޮވިޑް 19 ގެ އައު ސްޓްރެއިންއެއް ފެނުމާއި ގުޅިގެން ސައުދީ އަރަބިއްޔާ އާއި އޮމާން އަދި ކުވައިތުގެ ބޯޑަރު ވެސް ބަންދުކޮށްފިއެވެ. 

ކޮވިޑް ވައިރަސްގެ އައު ސްޓްރެއިން އެންމެ ފުރަތަމަ ފެނިފައިވަނީ އިގިރޭސިވިލާތުންނެވެ. މިކަމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުން ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން އަންނައިރު ޔޫރަޕަށް ނިސްބަތްވާ ގިނަ ގައުމުތަކަކާއި އެހެނިހެން ގައުމުތަކަކުން ވެސް ވަނީ އިނގިރޭސިވިލާތާއެކު އޮތް ދަތުރުފަތުރު މެދުކަނޑާލާފައެވެ. މިގޮތަށް އަމަލުކުރި ގާތްގަނޑަކަށް 20 ގައުމުގެ ތެރޭގައި ތުރުކީ، ޖަރުމަނު، އިޓަލީ، ފްރާންސް، އޮސްޓްރިއާ، ބެލްޖިއަމް، އަޔަލޭންޑް އަދި ކެނެޑާ ހިމެނެއެވެ. 

ހަފްތާއިން ހަފްތާއަށް އައުކުރާ ގޮތަށް ސައުދީއިން ވެސް ވަނީ އާދިއްތަ ދުވަހު ކަނޑާއި ވައިގެ ބޯޑަރުތައް ބަންދުކޮށްފައެވެ. އެހެން ނަމަވެސް މުދާ ގެންދިޔުމުގައި އެއްވެސް ހުރަހެއް އަޅާފައެއް ނުވެއެވެ. ކުވައިތުން ވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް ބޯޑަރުތައް ބަންދުކޮށްފައެވެ. އަދި އަންގާރަ ދުވަހުން ފެށިގެން އޮމާނުން ވެސް ބޯޑަރު ބަންދުކުރާނެއެވެ. 

ކޮވިޑް-19ގެ އައު ސްޓްރެއިން އެންމެ ފުރަތަމަ އިނގިރޭސިވިލާތުން ފެނުނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހަލުވި ކަމާއެކު ފެތުރޭ މި ސްޓްރެއިން، ނޮވެމްބަރު މަހު އިނގިރޭސިވިލާތުން ޕޮޒިޓިވްވީ މީހުންގެ ހަތަރުބައި ކުޅަ އެއް ބައި މީހުންނަށް ޖެހިފައިވެއެވެ.

މި އައު ސްޓްރެއިންއަކީ ކުރީ ސްޓްރެއިނަށްވުރެ ނުރައްކާތެރި ސްޓްރެއިންޑެއްކަން އަދި ކަށަވަރުވެފައި ނުވާ އިރު، މިހާރުވެސް އުފައްދާފައިވާ ވެކްސިންތައް މި ސްޓްރެއިނާއި ދެކޮޅަށް މަސައްކަތްކުރާނެކަން ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު