ކޮވިޑްގެ އާ ސްޓްރެއިން ސައުތު ކޮރެއާ އިންވެސް ފެނިއްޖެ

އައު ސްޓްރެއިން އެ ގައުމުން ފެނުމާއި ގުޅިގެން ވެކްސިން ދިނުމަށް ކުރިން ރާވާފައި އޮތް ޕްލޭން މިހާރުވަނީ އަވަސްކުރެވިފައި އައު ސްޓްރެއިން އެ ގައުމުން ފެނުމާއި ގުޅިގެން ވެކްސިން ދިނުމަށް ކުރިން ރާވާފައި އޮތް ޕްލޭން މިހާރުވަނީ އަވަސްކުރެވިފައި

އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް-19ގެ އައު ސްޓްރެއިން ސައުތު ކޮރެއާއިންވެސް ފެނިފައިވާކަމަށް އެ ގައުމުގެ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޓިވް އޭޖެންސީ (ކޭޑީސީއޭ)އިން ބުނެފިއެވެ. 

ކޭޑީސީއޭއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އައު ސްޓްރެއިން ފެނިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ލަންޑަންއިން ސައުތު ކޮރެއާއަށް ދަތުރުކުރި އާއިލާއަކުންނެވެ. މި އާއިލާގެ ތިން މީހުން މިހާރު އައިސޮލޭޝަންގައި ތިބިކަމަށްވެސް އެ އޭޖެންސީއިން ވަނީ މައުލޫމާތު ދީފައެވެ.

ކޮވިޑް-19ގެ އައު ސްޓްރެއިން އެންމެ ފުރަތަމަ އިނގިރޭސިވިލާތުން ފެނުނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހަލުވި ކަމާއެކު ފެތުރޭ މި ސްޓްރެއިން، ނޮވެމްބަރު މަހު އިނގިރޭސިވިލާތުން ޕޮޒިޓިވްވީ މީހުންގެ ހަތަރުބައި ކުޅަ އެއް ބައި މީހުންނަށް ޖެހިފައިވެއެވެ.

މި އައު ސްޓްރެއިންއަކީ ކުރީ ސްޓްރެއިނަށްވުރެ ނުރައްކާތެރި ސްޓްރެއިންޑެއްކަން އަދި ކަށަވަރުވެފައި ނުވާ އިރު، މިހާރުވެސް އުފައްދާފައިވާ ވެކްސިންތައް މި ސްޓްރެއިނާއި ދެކޮޅަށް މަސައްކަތްކުރާނެކަން ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

ސައުތު ކޮރެއާގެ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އައު ސްޓްރެއިން އެ ގައުމުން ފެނުމާއި ގުޅިގެން ވެކްސިން ދިނުމަށް ކުރިން ރާވާފައި އޮތް ޕްލޭން މިހާރުވަނީ އަވަސްކުރެވިފައެވެ. އެގޮތުން، ވެކްސިން އަށް ހުއްދަ ދިނުމަށް ކުރިން ނަގާ 180 ދުވަހުގެ ބަދަލުގައި، މި ފަހަރު އެ މަސައްކަތް 40 ދުވަހުން ނިންމާލާނެ ކަމުުގެ ޔަގީންކަން މިނިސްޓްރީ އޮފް ފުޑް އެންޑް ޑްރަގް ސޭފްޓީއިން ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު