ކޮވިޑްގެ އައު ވޭރިއަންޓްގެ ހަ ކޭސް އިންޑިއާއިން ފެނިއްޖެ

ކޮވިޑް 19 ގެ އައު ވޭރިއަންޓްގެ ހަ ކޭސް އިންޑިއާއިން ފެނިއްޖެއެވެ. އިނގިރޭސިވިލާތުން ފެނުނު އައު ވޭރިއަންޓް މިހާރު ވަނީ ބައެއް އެހެން ގައުމުތަކުން ވެސް ފެނިފައެވެ. 

އިންޑިއާގެ މި ހަ ކޭސްއަކީ ވެސް އިނގިރޭސިވިލާތުން އެގައުމަށް އެނބުރި އައި ހަ މީހެއްގެ ފަރާތުން ފެނުނު ކޭސްތަކެކެވެ. އެމީހުން މިވަގުތު ތިބީ އައިސޮލޭޝަންގައެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކުން އިނގިރޭސިވިލާތާއި ދެމެދު އޮތް ދަތުރުފަތުރުގެ ޚިދުމަތް މެދުކަނޑާލާފައިވާއިރު މިދިޔަ ހަފްތާގައި އިންޑިއާއިން ވެސް ވަނީ އެޚިދުމަތް މެދުކަނޑާލާފައެވެ. މި އައު ވޭރިއަންޓްގެ ނުރައްކާ ކުރީ ވައިރަހަށްވުރެ ބޮޑު ނުވިނަމަވެސް މާ ހަލުވިކަމާއެކު ފެތުރޭކަން ވަނީ ދިރާސާތަކުން ދައްކާފައެވެ. 

ޖުމްލަ ކޭސްގެ އަދަދު 10 މިލިއަނަށްވުރެ އިންޑިއާގައި އިތުރުވެފައިވާއިރު އެމެރިކާއަށްފަހު އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ އެގައުމުންނެވެ. އެގައުމުން އަންނަނީ މި ހަ ކޭސްއާ ގުޅޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރަމުންނެވެ. އިންޑިއާގެ ހުރިހާ އެއާޕޯޓެއްގައި ވެސް އިނގިރޭސިވިލާތުން އަންނަ މީހުންގެ ޕީސީއާރު ޓެސްޓް ހެދުމަށް ހަމަޖެހިފައިވާއިރު ޕޮޒިޓިވްވާ މީހުންގެ ސާމްޕަލްތައް ސަރުކާރުގެ ލެބޯޓްރީއެއް މެދުވެރިކޮށް އައު ވޭރިއަންޓަށް ޓެސްޓްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިދިޔަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުން އިންޑިއާއަށް 33،000 އަށްވުރެ ގިނަ މީހުން އައިސްފައިވެއެވެ. އޭގެތެރެއިން 114 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު ޖެނޯމް ސީކުއެންސިންގއަށް މި ސާމްޕަލްތައް މިހާރު ވަނީ ފޮނުވާފައެވެ. ކޮވިޑްގެ އައު ވޭރިއަންޓަށް ތައްޔާރުވުމަށް ދުނިޔޭގެ ގައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު