އިންޑިއާގައި ވެސް އެސްޓްރާޒެނެކާގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފި

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ކޮވިޑް 19 ގެ ކޭސްތައް ފެނިފައިވާ ގައުމު ކަމަށްވާ އިންޑިއާއިން ވެސް އެސްޓްރާޒެނެކާ އަދި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ. ރޮއިޓަރސްވިން ވަނީ ދެ މަސްދަރަކާއި ހަވާލާދީ އިމަރޖެންސީ ބޭނުމަށް ވެކްސިން ބޭނުންކުރުމުގެ ހުއްދަ އިންޑިއާއިން ދީފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. 

އިންޑިއާގެ އިތުރުން ރާއްޖެއިން ވެސް ވަނީ އެސްޓްރާޒެނެކާގެ ވެކްސިން ހޯދުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައެވެ. ހަމައެހެންމެ އިންޑިއާއިން އަންނަނީ އިތުރު ދެ ވެކްސިންއެއް ބޭނުންކުރުމަށް ހުއްދަ ދިނުމަށް ވެސް މަޝްވަރާކުރަމުންނެވެ. އެގައުމުން ވަނީ އަވަސް މުސްތަގުބަލެއްގައި ވެކްސިން ދިނުމަށް ފެށުމަށް ވެސް ނިންމާފައެވެ. އިނގިރޭސިވިލާތް އަދި އާޖެންޓީނާއިން ވެސް ވަނީ މި ވެކްސިން އިމަރޖެންސީކޮށް ދިނުމަށް ނިންމާފައެވެ. ފައިޒަަރ އަދި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިންގެ އިތުރުން އެގައުމުގެ ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކްއިން އުފެއްދި ވެކްސިންއަށް ހުއްދަ ދިނުމަށް ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ. 

އެސްޓްރާޒެނެކާގެ ވެކްސިން އިންޑިއާގައި އުފައްދާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ވެސް ވަނީ މިހާރު ވެސް 50 މިލިއަން ޑޯޒް އުފައްދާ ރައްކާކޮށްފައެވެ. ހޮނިހިރު ދުވަހުގެ ވަގުތެއްގައި އިންޑިއާގެ އެކި ސްޓޭޓްތަކަށް ވެކްސިން ގެންދިޔުުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

އިންޑިއާގެ ސިއްޚީ އިދާރާތަކުން އަންނަނީ އަންނަ މަހުން ފެށިގެން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގައުމުގައި ކޮވިޑް 19 އެންމެ ހަލުވިކޮށް ފެތުރިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށްވާއިރު މިހާރު އެގައުމުން ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ. އެގައުމުން މި ބަލި ޖެހިފައިވާ 10 މިލިއަނަށްވުރެ ގިނަ މީހުން ފެނިފައިވެއެވެ. މިއަދަދަށްވުރެ އިތުރަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ހަމައެކަނި ގައުމަކީ އެމެރިކާއެވެ.  

ކިޔުންތެރިންގެ ހިޔާލު