ކޮންގްރެސްގެ ރިޔާސަތަށް ނެންސީ ޕެލޯސީ އަލުން އިންތިހާބުކޮށްފި

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރިޔާސަތަށް އެމަގާމުގައި ހުންނެވި ނެންސީ ޕެލޯސީ އަލުން އިންތިހާބުކޮށްފިއެވެ. މިއީ އޭނާ ކޮންގްރެސްގެ ރިޔާސަތަށް އިންތިހާބުވެވަޑައިގެންނެވި ތިންވަނަ ފަހަރެވެ. މީގެކުރިން ޕެލޯސީ ވަނީ 2007 ވަނަ އަހަރުން 2011 ވަނަ އަހަރާ ހަމަޔަށް ވެސް އެމަގާމު ފުރުއްވާފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ވެސް އެމަގާމުގައި ހުންނެވީ ޕެލޯސީއެވެ. 

މިފަހަރު އެމަގާމަށް ޕެލޯސީ އިންތިހާބުވެވަޑައިގެންނެވީ ވަރަށް ހަނި ނަތީޖާއަކުންނެވެ. އެގޮތުން ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޕެލޯސީއާ އެއްކޮޅަށް 2016 މެމްބަރަކު ވޯޓު ދެއްވިއިރު އޭނާއާ ދެކޮޅަށް 209 މެމްބަރަކު ވޯޓު ދެއްވިއެވެ. މިދިޔަ ނޮވެމްބަރު މަހު އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރަޓިކް ޕާޓީއަށް ކޮންގްރެސްގެ 11 ގޮނޑި ގެއްލުނުއިރު މިހާރު ވެސް ހަނި އަގްލަބިއްޔަތަކާއެކު ކޮންގްރެސްގެ މެޖޯރިޓީ ކޮންޓްރޯލްކުރަނީ އެ ޕާޓީއިންނެވެ. އޭނާއާ ދެކޮޅަށް ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފަސް މެމްބަރަކު ވޯޓު ދެއްވިއެވެ. 

މިދިޔަ 17 އަހަރުގެ ޑިމޮކްރަޓިކް ޕާޓީ ކޮންގްރެސްގައި ލީޑް ކުރައްވަމުން ގެންދަވަނީ ޕެލޯސީ ކަމަށްވާއިރު އޭނާއަކީ އެމެރިކާގެ ތާރީހުގައި ވެސް ޤާނޫނު ހަދާ މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި ހަމައެކަނި އަންހެން ބޭފުޅާއެވެ. އަދި އިންތިހާބީ ނައިބް ރައީސް ކަމާލާ ހެރިސް ހުވާކުރެއްވުމާއި ހަމަޔަށް އެމެރިކާގެ އިންތިހާބީ މަގާމުތަކުގެ ތެރެއިން އެންމެ އިސް މަގާމުގައި ހުންނަވާނެ ބޭފުޅަކީ ޕެލޯސީއެވެ. 

މިފަހަރު ރިޔާސަތުގައި އިންނަވާނެ ބޭފުޅަކު ހޮވުމަށް ނެގުނު ވޯޓު އެތައް ގަޑިއިރަކަށް ދިގު ދެމިގެންދިޔައެވެ. އެއީ ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ އިޖްތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. މި އިންތިހާބުގައި ކޮންގްރެސްގެ ބައެއް މެމްބަރުން ކަރަންޓީނުގައި ތިއްބެވުމާއި ގުޅިގެން ވޯޓު ދެއްވާފައެއް ނުވެއެވެ.  

ކިޔުންތެރިންގެ ހިޔާލު