ޤަތަރާއި ސުލްހަވުމަށް ގަލްފްގެ ލީޑަރުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޤަތަރާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ސުލްހައިގެ އެއްބަސްވުމެއްގައި ގަލްފްގެ ގައުމުތަކުން ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ސައުދީ އަރަބިއްޔާގައި ކުރިޔަށްދާ ގަލްފް ކޯޕަރޭޝަން ކައުންސިލް ސަމިޓްގައެވެ. 'އަލް އުލާ' ގެ ނަމުން ނަން ދީފައިވާ އެއްބަސްވުމުގައި މި ކައުންސިލްގައި ހިމެނޭ ހަ ގައުމުގެ އިސްވެރިން  ވެސް ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމަަށް މިގޮތަށް ނަން ދީފައިވަނީ މި ސަމިޓް ކުރިޔަށްދާ ސިޓީއާ ގުޅުވައެވެ. 

މި އެއްބަސްވުމުގައި ސޮއިކުރެއްްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސައުދީގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ މި އެއްބަސްވުމަކީ އިސްލާމީ އުއްމަތުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ އެއްބަސްވުމެއް ކަމަށެވެ، އެގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ގައުމެއް އެއްކޮށް މަސައްކަތްކުރަން ޖެހޭ ކަމަށް ސަލްމާން ވިދާޅުވިއެވެ. އެގޮތުން އިރާނުން ކުރިޔަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމްގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކާއި ދެކޮޅަށް މަސައްކަތްކުރަންޖެހޭ ކަމަށް ސަލްމާން ވިދާޅުވިއެވެ. 

މި އެއްްބަސްވުމުގެ ތަފްސީލްތައް ހާމަކޮށްފައިނުވީ ނަމަވެސް ޤަތަރާއި އެއްކޮށް ސުލްހަވުމަށް ސައުދީއިން ނިންމާފައިވާ ކަމުގެ އިޝާރަތްތަކެއް ވަނީ ފެންނަން ފަށާފައެވެ. އެގޮތުން ސައުދީ އާއި ޤަތާރާއި ދެމެދު އޮންނަ ބޯޑަރު ތިން އަހަރަށްފަހު ވަނީ ހުޅުވާލާފައެވެ. 

ޤަތަރާއި ދެކޮޅަށް ސައުދީ އިސްވެ އޮވެ ދަތިކުރުމުގެ ފިޔަވަޅު އެންމެ ފުރަތަމަ އަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. އެފަހަރު އެގައުމާއި ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުންތައް ސައުދީގެ އިތުރުން މިސްރު، ބަހްރައިން އަދި ޔޫއޭއީއިން ކަނޑާލިއެވެ. މި ފިޔަވަޅުތައް ސައުދީއިން އެޅީ ޓެރިރަޒަމަށް ފައިނޭންސްކޮށް އީރާންއާ ގާތްގުޅުމެއް ޤަތަރުން ބާއްވާ ކަމަށް ތުހުމަތުކޮށެވެ. މި ހުރިހާ ތުހުމަތެއް ވެސް ޤަތަރުން ދޮގުކުރެއެވެ. 


ކިޔުންތެރިންގެ ހިޔާލު