ވެއްޓުނު ފްލައިޓްގެ ދެ ކަޅުފޮށި ވެސް ފެނިއްޖެ

އިންޑޮނޭޝިއާގެ ޖަކާޓާއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު ސްރިވިޖަޔާ އެއަރގެ ފްލައިޓްގެ ކަޅު ފޮށިތައް ފެނިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ. 

އެ ފްލައިޓް ވެއްޓުނު ސަރަހައްދުގައި އެކި އިދާރާތަކުން ހަރަކާތްތެރިވަމުން އަންނައިރު އެގައުމުގެ ނޭވީގެ ޑައިވަރުން ދެ ކަޅު ފޮށި ވެސް ހޯދާފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ. މި ސަރަހައްދުން ފްލައިޓްގެ ބައެއް ބައިތަކާއި ދަތުރުކުރި ބައެއް މީހުންގެ ގުނަވަންތައް ވެސް ފެނިފައިވެއެވެ. ބޯނިއޯއަށް ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު ބޮއިންގ 737 މަރުކާގެ ބޯޓުގައި އެވަގުތު 62 މީހަކު ތިއްބެވެ. ޑައިވަރުންނަށް އަދި ކަޅުފޮށިތައް މޫދު އަޑިން ނެގިފައި ނުވި ނަމަވެސް ވަރަށް އަވަހަށް ފޮށިތައް ނެގޭނެ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ އެންމެ އިސްވެރިޔާ ވަނީ ވިދާޅުވެފައެވެ. 

މި ކަޅު ފޮށިތަކާއެކު ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބުތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އެއް ގޮތުން އެއް ފޮށީގައި ފްލައިޓްގެ ކޮކްޕިޓްގައި ދައްކާފައިވާ ވާހަކަތައް ރިކޯޑް ކުރެވިފައިވާއިރު އަނެއް ފޮށީގައި ފްލައިޓްގެ އެކި ޑޭޓާތައް ރައްކާކުރެވިފައިވާނެއެވެ. 

ފްލައިޓް ވެއްޓުނު ސަރަހައްދަކީ އެހާ ފުން ސަރަހައްދަކަށް ނުވުމާއި ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ފްލައިޓްގެ އިތުރު ބައިތައް ފެންނާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މި ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތުން ހުއްޓައި ފެންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. 

ކިޔުންތެރިންގެ ހިޔާލު