އިންޑިއާއިން ގޭސް ރިޒާވެއް ގާއިމްކުރަނީ!

އިންޑިއާއިން ސްޓްރެޓެޖިކް ގޭސް ރިޒާވެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ތެލުގެ ރިޒާވެއް އެގައުމުން މިހާރު ވެސް ގާއިމްކޮށްފައިވާއިރު ގޭސްގެ ބޮޑު ރިޒާވެއް އެގައުމުން ގާއިމްކުރުމަށް ނިންމާފައިވަނީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރާ އަސަރުތައް ކުޑަކުރުމުގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުން ސަޕްލައި މަދުކުރުމަށް އަޅާ ފިޔަވަޅުތަކުން ރައްކާތެރިވުމަށެވެ. 

ހަމައެހެންމެ މިފަދަ ރިޒާވެއް އިންޑިއާއިން ގާއިމްކުރުމާއެކު ހަނގުރާމަވެރި ހާލަތެއްގައި އަންނަ ޑިމާންޑް ސްޕައިކްތަކާއި އަދި މިފަދަ ހާލަތެއްގައި އަގަށް އަންނަ ކުއްލި ބަދަލުތަކުން ވެސް ސަލާމަތްވެވޭނެއެވެ. ދުނިޔޭގެ ބާޒާރުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ތެލުގެ އަގު ދަށްވެފައިވާ ދަނޑިވަޅުގައި އިންޑިއާއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކުރުމަށްފަހު އެގައުމުގެ ތެލުގެ ރިޒާވް ވަރަށް ބޮޑު ތަނުން އިތުރުކޮށްފައެވެ. އަދި މިއީ ގޭސް ރިޒާވް ވެސް އިތުރުކުރުމަށް ރަނގަޅު ވަގުތެއް ކަމުގައި އެގައުމުގެ ސަރުކާރުން ދެކެއެވެ. 

އިންޑިއާއިން ގޭސް ރިޒާވް އިތުރުކުރުމަށް މަސައްކަތްތަކެއް ފަށާފައި މިވަނީ 2030 ވަނަ އަހަރާ ހަމައިން ގޭސް ބޭނުންކުރާ މިންވަރު ދެގުނަ ވާނެކަމަށް ދިރާސާއަކުން ދެއްކުމާއި ގުޅިގެންނެވެ. އެގައުމުން ބޭނުންކުރާ ގޭސްގެ މިންވަރު ދެގުނަ އިތުރުވެއްޖެނަމަ ތެލާއި އެއްވަރަށް ގޭސް އިމްޕޯޓްކުރަން ޖެހޭނެއެވެ. އިންޑިއާގައި ބޭނުންކުރާ ތެލުގެ 85 އިންސައްތައަކީ އެގައުމަށް އިމްޕޯޓްކުރާ އެއްޗެކެވެ. ހަމައެހެންމެ މިވަގުތު ބޭނުންކުރާ ގޭހުގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބަޔަކީ ވެސް އެގައުމަށް އެތެރެކުރާ އެއްޗެކެވެ. 

ދުނިޔޭގެ ނިސްބަތުން ހަކަތައިގެ ގޮތުގައި ގޭސް ބޭނުންކުރާ ގިނަ ގައުމުތަކަކުން ވަނީ ގޭސް ރިޒާވްތައް އަމިއްލަ ގައުމުތަކުގައި ބިނާކޮށްފައެވެ. އެގޮތުން މުޅި ދުނިޔޭގެ ނިސްބަތުން ތިން ބައި ކުޅަ އެއްބައި ގޭސް ރައްކާކޮށްފައިވަނީ އެމެރިކާއިންނެވެ. އެގައުމުގެ އިތުރުން ރަޝިއާ، ޔޫކްރެއިން، ކެނެޑާ އަދި ޖަރުމަނާއި ޗައިނާއިން ވެސް ގޭސް ރިޒާވްތައް ގާއިމްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު