ދެވަނަ އިމްޕީޗްމެންޓާއެކު ޓްރަމްޕްގެ މައްސަލަ ސެނެޓަށް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިމްޕީޗް ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ނިންމުމާއި ގުޅިގެން އެމަނިިކުފާނުގެ މައްސަލަ ސެނެޓުން ބަލަން ހަމަޖެހިއްޖެއެވެ.
ހައުސްއިން ދެވަނަ ފަހަރަށް ޓްރަމްޕް އިމްޕީޗްކުރެއްވުމާއި ގުޅިގެން އެމަނިކުފާނު ވެގެންދިޔައީ އެމެރިކާގެ ތާރީހުގައި ވެސް ދެ ފަހަރަށް އިމްޕީޗް ކުރެވުނު ފުރަތަމަ ރައީސްއަށެވެ. އެމަނިކުފާނު މަގާމުން ދުރުކުރުމަށް ހައުސްގައި ވޯޓު ނެގީ މިދިޔަ ހަފްތާގެ ތެރޭގައި ކެޕިޓަލް ހިލްއަށް ވަދެގަނެ ކޮންގްރެސްއަށް ހަމަލާ ދިނުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވުމާއި ގުޅިގެންނެވެ.
ސެނެޓުގައި އެމަނިކުފާނުގެ އަޑުއެހުންތައް ބާއްވާނީ ބުދަ ދުވަހު އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގަތުމަށްފަހުއެވެ. އެހެން ނަމަވެސް މި އަޑުއެހުންތަކުގައި އެމަނިކުފާނުގެ މައްޗަށް މި މައްސަލަ ސާބިތުވެއްޖެނަމަ އެމަނިކުފާނަށް އެއްވެސް އިންތިހާބީ މަގާމަކަށް ނުވަތަ އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް ނިންމާނެއެވެ.
މި ތުހުމަތުތައް ރައީސް ޓްރަމްޕް ދޮގުކުރައްވާއިރު އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ކިބައިން ސުލްހަވެރިކަމާއެކު ކުރިޔަށް ދިޔުމަށް އެދިވަޑައިގެންފައެވެ.