މުސްތަގުބަލުގައި ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރަން ބޭނުން: މޯދީ

ސަދާ ސައީދު
ފޮޓޯ:ރައީސް އޮފީސް ފޮޓޯ:ރައީސް އޮފީސް

އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމުގެ އަގުވަޒަންކުރާ ކަމުގައި ދެވަނަ ދައުރަކަށް ހޮވި ވަޑައިގަތް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއެޖެ އެވެ.

ބީޖޭޕީއާއި ބޮޑު ވަޒީރު މޯދީ ހޯއްދެވި ކާމިޔާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވާ މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އެ ގައުމުން އަގު ވަޒަން ކުރާ ކަމަށާއި މުސްތަގުބަލުގައި ވެސް އިތުރު ދާއިރާތަކުން ދެގައުމުގެ ގުޅުން ވަރުގަދަ ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.


މީގެ އިތުރުން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓުގެ ޖަވާބުގައި މޯދީވަނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ދެމި އޮންނަނީ ދެގައުމުން ހިއްސާވެ ދެކެން ބޭނުންވާ ތަރައްގީއާއި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް ކަމަށް ވިދާޅުވެފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވާކަން މޯދީ ވަނީ ފާހަގަކުރައްވާފައެވެ.


މޯދީއަށް ލިބިވަޑައިގަތް ކާމިޔާބީ ފާހަގަކޮށް ދުނިޔޭގެ ބޮޑެތި ލީޑަރުން އަންނަނީ މަރުހާބާ ދަންނަވާ ޓުވީޓުތައް ކުރައްވަމުންނެވެ. އެ ގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަޕްވެސް ވަނީ މޯދީގެ ކާމިޔާބީ ފާހަގަކޮށް ޓްވީޓް ކުރައްވާފައެވެ.  

މިދިޔަ މަހުގެ 11 އިން ފެށިގެން މިމަހުގެ 19 އާ ހަމައަށް ކުރިއަށް ދިޔަ އެ ގައުމުގެ އާންމު އިންތިހާބުގެ ވޯޓު މިއަދު ހެނދުނު ގުނަން ފަށާފައިވާ އިރު، ބީޖޭޕީ އިސްވެ އޮންނަ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ވަނީ 345 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ މިންވަރަށް ވުރެ 73 ގޮނޑި އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު