ދެކުނު އެފްރިކާގެ ރައީސް، ރައީސްކަމުގެ ހުވާ ކުރައްވައިފި

ސަދާ ސައީދު

ދެކުނު އެފްރިކާގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ސިރިލް ރަމަފޯސާ ފަސް އަހަރުގެ ދައުރަކަށް ހޮނިހިރު ދުވަހު ހުވާ ކުރައްވައިފިއެވެ.

ވެރިރަށް ޕްރިޓޯރިއާގެ ސްޓޭޑިއަމްގައި ބޭއްވުނު ރަސްމިއްޔާތުގައި ސަރަހައްދީ ގައުމުތައް ކަމަށްވާ ޒިމްބާބުވޭ އާއި މޮޒަމްބީކުގެ ލީޑަރުން ވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، އެ ރަސްމިއްޔާތައް 30،000 މީހުން ހާޒިރުވެފައިވެއެވެ.

ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަމަފޯސާ ވިދާޅުވީ، އެ ގައުމަށް ބޮޑެތި މައްސަލަތަކެއް  ޖެހިފައިވާކަން ގަބޫލުކުރައްވާ ކަަމަށާއި އެހެނަސް އެއީ އެކަންތަކުން އަރައިނުގަނެވޭ ވަރުގެ މައްސަލަތަކެއް ނޫން ކަމަށެވެ. 

ރަމަފޯސާ ރައީސްކަމަށް ވަޑައިގެންފައި ވަނީ މި މަހު ބޭއްވި އިންތިޚާބުގައި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެފްރިކަން ނޭޝަނަލް ކޮންގްރެސް ޕާޓީ(އޭއެންސީ)ން 57.7 އިންސައްތައާއެކު އިންތިޚާބު ކާމިޔާބުކޮށްގެންނެވެ.

މިއީ ނަސްލީ އިމްތިޔާޒް ނައްތާލައި 1994 ވަނަ އަހަރު އޭއެންސީ ވެރިކަމަށް އައި ފަހުން އެޕާޓީން އެންމެ ތާއީދު ކުޑަކޮށް ވެރިކަމަށް އައިފަހަރެވެ.

ރަމަފޯސާ އެންމެ ފުރަތަމަ ރައީސް ކަމަށް ވަޑައިގެންފައިވަނީ ރައީސް ޖޭކަބް ޒޫމާގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު މަގާމުން ދުރަށް ވަޑައިގަތުމުން މިދިޔަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު