ރޭޑިޔޯ ޕްރޮގްރާމަކަށް ފަހު ގެއަށްދިޔަ މަގުމަތީގައި ބަޑިން ހަމަލާދީ ނޫސްވެރިޔަކު މަރާލައިފި

ހުސައިން ނަޒީފް
ނޫސްވެރިޔާ އެޑުއާޑޯ މަރާލި ސަރަހައްދުގައި ފިލިޕީންސް ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ދި ސްޓްރެއިޓް ޓައިމްސް ނޫސްވެރިޔާ އެޑުއާޑޯ މަރާލި ސަރަހައްދުގައި ފިލިޕީންސް ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ދި ސްޓްރެއިޓް ޓައިމްސް

ރޭޑިޔޯ ޕްރޮގްރާމަކަށް ފަހު ގެއަށް ދިޔަ މަގުމަތީގައި ބަޑިން ހަމަލާދީ ފިލިޕީންސްގެ ނޫސްވެރިޔަކު މަރާލައިފިއެވެ.

އާއްމުގޮތެއްގައި ކޮރަޕްޝަނާއި ދެކޮޅަށް ރޭޑިޔޯ ޕްރޮގްރާމްތަކުގައި ވާހަކަ ދައްކާ ނޫސްވެރިޔާ، އެޑުއާޑޯ ޑިޒޯން މަރާލާފައި ވަނީ ބުދަ ދުވަހުގެ ރޭ އޭނާގެ ކާރުގައި ގެއަށް ދަނިކޮށެވެ.  

ފުލުހުން ބުނެފައިވާ ގޮތުގައި ފިސްތޯލަ ބޭނުންކޮށްގެން ދިން ހަމަލާތައް އެޑުއާޑޯގެ ގައިގެ 5 ތަނަކަށް ވަނީ އަމާޒުވެ، ލިބުނު ޒަޚަމްތަކުގެ ސަބަބުން އޭނާ ވަނީ ވަގުތުން މަރުވެފައެވެ. އެޑުއާޑޯއަށް ހަމަލާދިން މީހުން ގެންގުޅުނު ފިސްތޯލައިގެ ކާޓްރިޖް އެ ސަރަހައްދުން ފުލުހުން ވަނީ ހޯދާފައެވެ. އެހެން ނަމަވެސް އޭނާއަށް ހަމަލާދިން މީހުން ހައްޔަރުކުރެވިފައެއް ނުވެއެވެ. 

އެޑުއާޑޯ މަސައްކަތް ކުރަމުން ގެންދާ ބްރިގާޑާ މީޑިޔާ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއީ އެ މީޑިޔާގެ އަޑު ކަނޑުވާލުމަށް ކުރި ގަތުލެއް ކަމަށެވެ. 

ފިލިޕީންސްގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެޑުއާޑޯ މަރާލުމުގެ ދުވަސްތަކެއް ކުރިން އޭނާ ވަނީ މަރުގެ އިންޒާރުތައް ލިބުމާއި ގުޅިގެން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. 

ފިލިޕީންސް އަކީ ނޫސްވެރިންނަށް އެންމެ ނުރައްކާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެގޮތުން 1986 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ގައުމުގައި 186 ނޫސްވެރިޔަކު ވަނީ މަރާލާފައެވެ. 

އަދި އިއްޔެ މަރާލެވުނު އެޑުއާޑޯ އަކީ މިހާރު ފިލިޕީންސްގެ ރައީސްކަން ކުރައްވާ ހަރުކަށި ފިކުރުގެ ލީޑަރު ރޮޑްރިގޯ ޑުޓާޓޭ 2016 ވަނަ އަހަރު ވެރިކަމާއި ހަވާލުވި ފަހުން މަރާލި 19 ވަނަ ނޫސްވެރިޔާއެވެ. 

ކިޔުންތެރިންގެ ހިޔާލު