އުމުރުން 70 އަހަރުވީ އިރުވެސް މި ދެމެފިރިންގެ އުންމީދަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށް ޒިޔާރަތްކުރުން

ޢަލީ ޔާމީން

ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ވަކި ކަމެއް ހާސިލް ކުރަން ބޭނުންވާނެ މީހެކެވެ. ބައެއް މީހުންނަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ޒިޔާރަތްކޮށް އާ ކަންކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނެވެ.

އެގޮތުން އިންޑިއާގެ ކޮއްޗިންގައި ދިރިއުޅެމުން އަންނަ ދެމެފިރިން ކަމަށްވާ ވިޖެއަން އާއި މޮހަނަން އަކީ ދުނިޔޭގެ ޤައުމުތަކަށް ޒިޔާރަތްކުރުމަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ދެމެފިރިންނެވެ.

ދުނިޔޭގެ ހުރިހާ ޤައުމަކަށް ދަތުރުކުރާނެ ތަނަވަސްކަން ނެތުމުން އެކަމަށް ފައިސާ ހޯދުމަށް އެ ދެމެފިރިން ވަނީ ސައިވިއްކުމުގެ ވިޔަފާރިއެއް މީގެ އަހަރުތަކެއް ކުރިން ފަށާފައެވެ. ވިޖެއަން އާއި މޮހަނަން އެމީހުންގެ ގޭގައި ސައިވިއްކުމުގެ ވިޔަފާރި ފަށާފައިވާއިރު އެމީހުން ވިއްކާ ސަޔަށް ވަނީ ކޮއްޗިންގައި ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. ސައިވިއްކައިގެން ކޮންމެ ދުވަހެއްގެ މަށްޗަށް 300 ރުފީސް ރައްކާކުރެވޭ ކަމަށް އެދެމެފިރިން ބުނެއެވެ.


ސައި ވިއްކައިގެން ރައްކާކުރެވޭ ފައިސާ އެދެމެފިރިން ހަރަދުކުރަމުން އަންނަނީ ދުނިޔޭގެ ޤައުމުތަކަށް ޒިޔާރަތްކުރުމަށެވެ. އެގޮތުން މީގެ 45 އަހަރު ކުރިން ކައިވެނި ކުރި ވިޖެއަން އާއި މޮހަނަން ވަނީ ސައިވިއްކައިގެން ލިބުނު ފައިސާއިން މިހާތަނަށް ދުނިޔޭގެ 23 ގައުމަކަށް ޒިޔާރަތްކޮށްފައެވެ.

ވިޖެއަން އާއި މޮހަނަންއަށް މިހާރު 70 އަހަރުވެފައިވާއިރު އެ ދެމެފިރިންގެ އުންމީދަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށް ޒިޔާރަތްކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު