އޮލިމްފިކްސް 2020 އާ ދިމާކޮށް ޖަޕާނަށް އަންނަ މުސްލިމުން ނަމާދުކުރުމަށް ޓްރަކެއްގައި މިސްކިތެއް ތައްޔާރުކޮށްފި

އައިމިނަތު ޔުމްނާ
ޖަޕާނުގައި ޓްރަކެއްގައި ތައްޔާރުކޮށްފައިވާ މިސްކިތް ޖަޕާނުގައި ޓްރަކެއްގައި ތައްޔާރުކޮށްފައިވާ މިސްކިތް

2020 ވަނައަހަރުގެ ސަމަރ އޮލިމްޕިކްސް ބަލާލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން ޖަމާވާނެތީ ، ޓޯކިޔޯގެ ކުޅިވަރާއި ސަގާފަތާ ބެހޭ ކުންފުންޏަކުން އޮލިމްޕިކްސް އަށް ޒިޔާރާތްކުރާ މުސްލިމުންނަށް އަޅުކަން އަދާކުރުމަށް ފަސޭހަކޮށްދިނުމުގެ އުންމީދުގައި ޓްރަކެއްގައި މިސްކިތެއް ތައްޔާރުކޮށްފިއެވެ.

މިސްކިތް ތައްޔާރު ކުރި ފަރާތްކަމުގައިވާ ޔާސޫ ޕްރޮޖެކްޓުގެ ޔަސުހާރޫ އިނޯއޫ މައުލޫމާތު ދެއްވި ގޮތުގައި 2020 ވަނަ އަހަރު އޮލިމްޕިކްސް އަށް ޒިޔާރާތްކުރާ މުސްލިމުންނަށް ދަތިކަމެއް ނެތި އަަޅުކަންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޤްސަދުގައި އޭނާ މިފަދަ މިސްކިތެއް ތައްޔާރުކުރަން ނިންމީއެވެ.

ހުރިހާ ނަސްލަކަށް އަދި ދީނަކަށް މަރުހަބާކިޔާ ގައުމެއްގެ ހައިސިއްޔަތުން މުސްލިމުންނަށް ޖަޕާނުން ފުރިހަމަ މެހެމާންދާރީއެއް އަދާކުރަން ބޭނުންވާކަމަށް ވެސް ޔަސަހޫރޫ ވަނީ އިންޓަރވިއުގައި ވިދާޅުވެފައެވެ.

ޓްރަކުގައި ހަދާފައިވާ އެންމެ ފުރަތަމަ މިސްކިތް ދައްކާލާފައި ވަނީ މީގެ ހަފްތާއެއް ކުރިން ޓޮޔޯޓާ ކާރު ކުންފުނީގެ މައި އޮފީސް ހުންނަ ޓޮޔޯޓާ ސިޓީ ގެ ޖޭ-ލީގް ފުޓްބޯޅަ މެޗެއް ކުރިއަށް ދިޔައިރު ޓޮޔޯޓާ ސްޓޭޑިއަމް ބޭރުގައެވެ. 

މޮޑިފައިކޮށްފައިވާ 25 ޓަނުގެ ޓްރަކުގެ ފަހަތުން މިސްކިތަށް ވަންނަ ދޮރު ތިރިކޮށްލާއިރު ޓްރަކުގެ ދެފަރާތުން ބައެއް ހުޅުވިގެން ޓްރަކު އިތުރަށް ފުޅާކޮށްލައެވެ. 48 ސްކައަރ މީޓަރު ގެ ޖާގައެއް ޓްރަކުގައި ވާއިރު 50 މީހުނަށް އެއްފަހަރާ މި މިސްކިތުގައި ނަމާދުކުރެވޭނެއެވެ. ޓްރަކުގެ ބޭރުގައި ވުލޫކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުރެއެވެ.

މި މިސްކިތް ދައްކާލުމަށް ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވި މުސްލިމުންނާއި އަދި 2004 ވަނަ އަހަރު ސުނާމީގައި ގެއްލުން ލިބުނު އިންޑޮނޭޝިއާގެ ދަރިވަރުން ވެސް ވަނީ މި ޓްރަކުގައި ނަމާދުކޮށްފައެވެ.





ކިޔުންތެރިންގެ ހިޔާލު