އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ - އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރު އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ - އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރު

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެއެވެ. 

އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ. އެމަނިކުފާނު އަވަހާރަވިކަން ހާމަކުރެއްވި ދަރިކަލުން އަބިޖިތު މުކަރުޖީއެވެ. އެމަނިކުފާނު އަވަހާރަވީ އާރުއާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. 

އިންޑިއާގެ ބޮޑުވަޒީރު ވަނީ އެމަނިކުފާނު މަރުވުމާއި ގުޅިގެން ހިތާމައިގެ ހަތް ދުވަސް ފާހަގަކުރައްވަން ނިންމަވާފައެވެ. މި ހަތް ދުވަހު ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާއިރު އެއްވެސް މުނިފޫހިފިލުވުމުގެ ހަރަކާތެއް ކުރިޔަށް ނުގެންދާނެއެވެ. 

މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ތަރައްގީގައި އެމަނިކުފާނު ވަރަށް ބޮޑު ރޯލެއް އަދާކުރައްވާފައިވާ ކަމަށާއި އިންޑިއާގެ ހުރިހާ އެންމެންގެ މެދުގައި ވެސް އެމަނިކުފާނަށް އިހުތިރާމާއި ލޯބި ލިބިލައްވާފައިވާ ކަމަށެވެ. މަޖިލީހުގައި އާދަޔާ ހިލާފު މަސައްކަތްތަކެއް އެމަނިކުފާނު ކުރެއްވި ކަމަށާއި އިގްތިސާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން މޯދީ ފާހަގަކުރެއްވިއެވެ. 

އޮގަސްޓް މަހުގެ ދެވަނަ ހަފްތާގައި ސާޖަރީއެއް ފުރިހަމަކުރައްވާނެކަން އެމަނިކުފާނު ވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އަދި މި ސާޖަރީ ފުރިހަމަކުރެއްވުމަށް ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑް 19 އަށް ޓެސްޓް ކުރެއްވިއިރު ޕޮސިޓިވްވެވަޑައިގެންފައިވާކަން ވެސް އެމަނިކުފާނު ވަނީ ފަހުން ހާމަކުރައްވާފައެވެ. 

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް އެމަނިކުފާނު ހަތް ދައުރެއްގައި އިންތިހާބުވެވަޑައިގަތެވެ. އަދި ވަނީ އިންޑިއާގެ އިކޮނޮމިކް މިނިސްޓަރު ކަމާއި، ޑިފެންސް މިނިސްޓަރު ކަމާއި، ކޮމާސް އެންޑް ފިނޭންސް މިނިސްޓަރުކަން އެކި ސަރުކާރުތަކުގައި ފުރުއްވާފައެވެ. 

އެމަނިކުފާނު އަވަހާރަވިއިރު ދަރިކަނބަލަކާއި ދެ ދަރިކަލުން ދުނިޔޭގައި އެބަތިއްބެވިއެވެ. 

އިންޑިއާގެ 13 ވަނަ ރައީސްގެ ގޮތުގައި އެމަނުކިފާނު 2012 ވަނަ އަހަރު އެމަގާމަށް އިންތިހާބުވެވަޑައިގެންނެވިއިރު 2017 ވަނަ އަހަރު ދައުރު ނިމެންދެން ހުންނެވީ އެމަގާމުގައެވެ. 2008 ވަނަ އަހަރު އެމަނިކުފާނަށް އިންޑިއާގެ އާއްމު ރައްޔިތުންނަށް ދޭ ދެވަނައަށް އެންމެ މަތީ ޝަރަފު ކަމަށްވާ ޕަޑްމާ ވިބުޝާން އެރުވުނުއިރު 2019 ވަނަ އަހަރު ބާރަތު ރަތުނާގެ ޝަަރަފު ވަނީ އެމަނިކުފާނަށް އަރުވާފައެވެ. މިއީ އިންޑިއާގެ އާއްމު ރައްޔިތަކަށް އެރުވޭ އެންމެ މަތީ ޝަރަފެވެ. 


ކިޔުންތެރިންގެ ހިޔާލު