ހޮންކޮންގެ މުޒާހަރާތަކުގައި 90 މީހުން ހައްޔަރުކޮށްފި

މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށްފައި މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށްފައި

ހޮންކޮންގެ ގާނޫނު ހަދާ ކައުންސިލްގެ އިންތިހާބު ލަސްކުރުމާއި ގުޅިގެން ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން 90 މީހުން ހައްޔަރުކޮށްފިއެވެ. 

އާދިއްތަ ދުވަހު އިންތިހާބު ބާއްވަން އޮތް ނަމަވެސް ހޮންކޮންގެ ޗީފް އެގްޒެކެޓިވް ކެރީ ލަމް ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އިންތިހާބު އެއް އަހަރަށް ފަސްކޮށްފައެވެ. އިންތިހާބު ފަސްކުރީ ކޮވިޑް 19 ފެތުރެމުންދާތީ ކަމަށް ލަމް ވިދާޅުވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އިންތިހާބު ލަސްކުރީ ޝެޑިއުލާ އެއްގޮތަށް ވޯޓުލުން ބާއްވައިފިނަމަ އިދިކޮޅު ފަރާތްތަކަށް ލިބޭ ގޮނޑީގެ އަދަދު އިތުރުވެދާނެތީ ކަމަށެވެ. 

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ހޮންކޮންގައި ސަރުކާރާ ދެކޮޅަށް ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތައް ފެށުނީ ޗައިނާގެ މައި ސަރުކާރުން ހޮންކޮންއަށް އަތްގަދަ ކުރަން ގާނޫނުތަކެއް ފާސްކުރަން ފެށުމާއި ގުޅިގެންނެވެ. 

ހޮންކޮންގެ ފުލުހުން ވަނީ 90 މީހަކު ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން އެ މީހުން ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ތަންތަނަށް އެއްވެ މުޒާހަރާ ކުރުމާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ހޮންކޮންގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން އެމެރިކާއިން ވަނީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. 

ކިޔުންތެރިންގެ ހިޔާލު