ކޮވިޑް 19: ގައުމުތަކަށް ވެކްސިން ގެންދަން 8000 ޖަމްބޯ ޖެޓް ބޭނުންވާނެ

ކޮވިޑް 19 އާ ގުޅިގެން ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނު ޗައިނާއަށް ގެންދިޔަ ފްލައިޓެއް ކޮވިޑް 19 އާ ގުޅިގެން ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނު ޗައިނާއަށް ގެންދިޔަ ފްލައިޓެއް

ކޮވިޑް 19 ގެ ވެކްސިން އުފެއްދުމާއެކު ގައުމުތަކަށް އެ ވެކްސިން ގެންދިޔުމަށް 8000 ޖަމްބޯ ޖެޓް ބޭނުންވާނެ ކަމަށް އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ބުނެފިއެވެ. 

މިހާތަނަށް ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ފެންވަރުގެ ވެކްސިންއެއް މި ބައްޔަށް ހޯދިފައިނުވާއިރު އަޔާޓާއިން އަންނަނީ މިހާރު ވެސް މި ވެކްސިން މީހުންނަށް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ބަލައި އެ ގޮންޖެހުންތައް ހައްލުކުރުމަށް އެއަރލައިންތަކާއި އެއަރޕޯޓްތަކާއި އަދި ސިއްހީ ދާއިރާގެ މާހިރުންނާއެކު މަސައްކަތްކުރަމުންނެވެ. 

އެ އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ވެކްސިން ފޯރުކޮށްދިނުމަށް ބޮއިންގ 747 މަރުކާގެ 8000 މަތިންދާ ބޯޓު ބޭނުންވާނެއެވެ. މިއީ އެއަރ ކާގޯ އިންޑަސްޓްރީއިން މި ގަރުނުގައި ހިންގާ އެންމެ މުހިންމު އަދި އެންމެ ބޮޑު އޮޕަރޭޝަނަށް ވެގެންދާނެ ކަމަށް އަޔާޓާއިން ބުނެއެވެ. އަދި މިކަން ވާން އޮތީ ކުރިޔާ ލައި ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި އެހެންކަމުން އެ އެސޯސިއޭޝަނުން ގެންދަނީ އެ މަސައްކަތް ކުރަމުން ކަމަށް އަޔާޓާއިން ވަނީ ހާމަކޮށްފައެވެ. 

ކޮވިޑާއި ގުޅިގެން އޭވިއޭޝަން އިންޑަސްޓްރީގެ ބޮޑު ބައެއް ހުއްޓުނުއިރު ކާގޯ ދަތުރުތައް ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް ވެކްސިން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަކީ މިހާރު ކުރާ ދަތުރުތަކާއި ވަރަށް ތަފާތު ކަމެއް ކަމަށް އަޔާޓާއިން ވަނީ ބުނެފައެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް 140 އަށްވުރެ ގިނަ ވެކްސިންގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އޭގެ ތެރެއިން ދެ ޑަޒަނަށްވުރެ ގިނަ ވެކްސިންގައި މިހާރު ކުރިޔަށް ދަނީ ކްލިނިކަލް ޓްރަޔަލްތަކެވެ. 

ކިޔުންތެރިންގެ ހިޔާލު