ޗައިނާއިން މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ބަލައިދިނުމަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުގައި އެދިއްޖެ

ޗައިނާގެ ކޭމްޕެއްގައި ބަންދުކުރެވިފައިވާ ގައިދީން / އޭޕްރީލް 2017 ޗައިނާގެ ކޭމްޕެއްގައި ބަންދުކުރެވިފައިވާ ގައިދީން / އޭޕްރީލް 2017

ޗައިނާ ސަރުކާރުން ވީގާރ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ބަލައިދިނުމަށް އެދި ޗައިނާއިން ބޭރުގައި މަސައްކަތްކުރާ ދެ ވީގާރ ޖަމާއަތަކުން ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

މި މައްސަލައާ ގުޅިގެން ޗައިނާއިން ހިންގާ ލާއިންސާނީ އަމަލުތައް ދުނިޔޭގެ ސަމާލުކަމަށް އަނެއްކާވެސް އަންނާނޭކަމަށް މައްސަލަ ހުށަހަޅާ ލަންޑަންގެ ގާނޫނީ ވަކީލުން އުންމީދުކުރެއެވެ. 80 ސަފްހާގެ މި މައްސަލައިގައި، ވީގަރ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތަކުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ލީޑަރު ޒީ ޖިންގްޕިންގް ހިމެނޭ ގޮތުން އެ ގައުމުގެ 30 ބޭފުޅަކު ޒިންމާ ނަގަންވާނޭކަމަށް ބުނެފައިވެއެވެ.

ޒީ ޖިންގްޕިންގްގެ ސިޔާސަތްތަކަކީ މުސްލިމުންނަށް އަނިޔާކުރުމުގެ ސިޔާސަތެއް ކަމަށްވެސް މައްސަލަ ހުށަހަޅާ ޖަމާއަތް ތަކުން ގަބޫލުކުރެއެވެ. ޗައިނާގެ މުސްލިމުންނަށް ފާރަލުމާއި، އެގައުމުން ބޭރުގައި ދިރިއުޅޭ މުސްލިމުން އަނބުރާ ގައުމަށް ގެނައުމުގައި އެހެން މުސްލިމުންލައްވާ ގަދަކަމުން ޖާސޫސް ކޮށްހަދާ ކަމުގެ ޝަކުވާތައް ކުރިންވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުންވެސް، މުސްލިމުންގެ އާބާދީ ކުޑަކުރުމުގެ ގޮތުން ގަދަކަމުން އެބޯޝަން ހެއްދުމާއި، ދަރިމައިނުވާނޭފަދަ ސާރޖަރީތައްވެސް ހައްދާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. މައްސަލަ ހުށަހަޅާ ގާނޫނީ ވަކީލުންގެ ޓީމުން ތުހުމަތުކުރާ ގޮތުގައި އެއް މިލިއަން ޗައިނާ މުސްލިމުން ހައްޔަރުކޮށް ދީން ބަދަލުކޮށް ޗައިނާގެ ސަރުކާރު ގަބޫލުކުރާ ފަދަ ސިޔާސަތްތަކަށް ބޯ ލެބުމަށްވެސް ދަނީ މަޖުބޫރު ކުރަމުންނެވެ.

ޗައިނާއިން ވަނީ އެ ގައުމުން ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓު ބަލައި ނުގަންނަ ކަމަށް އިއުލާންކޮށްފައެވެ. އަދި އެގައުމުގެ ދާހިލީކަންތައްތައް އެ ކޯޓުން ނުބެލޭނޭކަމަށްވެސް ޗައިނާއިން ގަބޫލުކުރެއެވެ. ޗައިނާއަކީ އެ ކޯޓުގެ މެންބަރު ގައުމެއްވެސް ނޫނެވެ. އެހެންނަމަވެސް ޗައިނާގެ އަމަލުތަކުން އަސަރުކުރާ ގައުމުތަކަކީ އެ ކޯޓުގެ މެންބަރު ގައުމުތަކަށް ވުމުން، މައްސަލަ ބަލައިގަނެ ކުރިއަށް ގެންދާނޭ ކަމަށް ބެލެވެއެވެ. ކުރިންވެސް އެ ކޯޓުން ވަނީ މެންބަރު ގައުމުތައްނޫން ގައުމު ތަކުން މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ބަލާފައެވެ.

ހޯމަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް ހުށަހެޅޭ މިފަދަ ފުރަތަމަ މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު