ޗައިނާގެ ބައެއް އުފެއްދުންތައް އެތެރެ ނުކުރަން އެމެރިކާއިން ނިންމައިފި

ޗައިނާގެ ވީގާރ މުސްލިމުން ބަންދުކޮށްފައި ބަހައްޓާ ޖަލެއް ޗައިނާގެ ވީގާރ މުސްލިމުން ބަންދުކޮށްފައި ބަހައްޓާ ޖަލެއް

ޗައިނާގެ ޒިންޖިއާންގް ސަރައްހައްދުގެ ބައެއް އުފެއްދުންތައް އެތެރެ ނުކުރަން އެމެރިކާއިން ނިންމައިފިއެވެ. މިއީ ޗައިނާގެ ޒިންޖިއާންގް ސަރަހައްދުގައި އުޅޭ ވީގާރ މުސްލިމުންގެ އިންސާނީ ހައްގު ނިގުޅައިގަންނަ ކަމަށް ބުނެ އެމެރިކާއިން އެޅި ފިޔަވަޅެކެވެ.

ވީގާރ މުސްލިމުންގެ ހައްގުގައި މަސައްކަތް ކުރާ މީހުން ބުނާގޮތުގައި ޗައިނާއިން ދަނީ މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުންނެވެ. މިގޮތުން، ޗައިނާއިން އެ ގައުމުގެ މުސްލިމުންނަށް ފާރަލުމާއި، އެގައުމުން ބޭރުގައި ދިރިއުޅޭ މުސްލިމުން އަނބުރާ ގައުމަށް ގެނައުމުގައި އެހެން މުސްލިމުންލައްވާ ގަދަކަމުން ޖާސޫސް ކޮށްހަދާ ކަމުގެ ޝަކުވާތައް ކުރިންވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުންވެސް، މުސްލިމުންގެ އާބާދީ ކުޑަކުރުމުގެ ގޮތުން ގަދަކަމުން އެބޯޝަން ހެއްދުމާއި، ދަރިމައިނުވާނޭފަދަ ސާރޖަރީތައްވެސް ހައްދާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އެބޭފުޅުން ތުހުމަތުކުރާ ގޮތުގައި އެއް މިލިއަން ޗައިނާ މުސްލިމުން ހައްޔަރުކޮށް ދީން ބަދަލުކޮށް ޗައިނާގެ ސަރުކާރު ގަބޫލުކުރާ ފަދަ ސިޔާސަތްތަކަށް ބޯ ލެބުމަށްވެސް ދަނީ މަޖުބޫރު ކުރަމުންނެވެ.

އެމެރިކާއިން މި ނެގި ފިޔަވަޅާއި ގުޅިގެން ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އެކްޓިންގ ސެކްރެޓަރީ ވަނީ އެއީ ރަނގަޅު ނިންމުމެއް ކަމުގައި ފާހަގަ ކޮށްފައެވެ. އަދި ޗައިނާއިން ވީގާރ މުސްލިމުންނާ މެދު އަމަލުކުރާ ގޮތަކީ ޒަމާނީ އަޅުވެތިކަމެއް ކަމުގައި ސިފަކޮށްފައިވެއެވެ. މުސްލިމުން ލައްވާ ގަދަކަމުން މަސައްކަތް ކުރުވާ ކަމުގެ ތުހުމަތު އެމެރިކާގެ ކަސްޓަމަރސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އޭޖެންސީގެ އެކްޓިންގ ކޮމިޝަނަރ ވެސް ވަނީ ކޮށްފައެވެ.

މި ނިންމުމާއެކު، ޗައިނާގެ ޒިންޖިއާންގް ސަރަހައްދުގައި އުފައްދާ ކޮޓަން އެތެރެކުރުން އެމެރިކާއިން ހުއްޓާލާނެއެވެ. މުޅި ދުނިޔޭގައިވެސް އުފައްދާ ކޮޓަންގެ 20 އިންސައްތަ އުފައްދަނީ ޗައިނާއިންނެވެ. މީގެތެރެއިން ގިނަ އަދަދެއް ޒިންޖިއާންގް ސަރަހައްދުގައި އުފައްދައެވެ.

ކިޔުންތެރިންގެ ހިޔާލު