ބަހްރައިން އަދި ޔޫއޭއީއާ ދެކޮޅަށް ފަލަސްތީނުގައި މުޒާހަރާކުރަނީ

ހުޅަނގު އައްސޭރީގައި ކުރިޔަށްދިޔަ މުޒާހަރާގެ ތެރެއިން ހުޅަނގު އައްސޭރީގައި ކުރިޔަށްދިޔަ މުޒާހަރާގެ ތެރެއިން

އިސްރާއީލާއެކު ގުޅުން ގާއިމްކުރުމަށް ބަހްރައިން އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ސޮއިކުރުމާއި ގުޅިގެން ފަލަސްތީނުގައި އެކަމާ ދެކޮޅަށް މުޒާހަރާ ފަށައިފިއެވެ. 

އިސްރާއީލުން ގަދަކަމުން ވެރިވެފައިވާ ހުޅަނގު އައްސޭރިއާ ގައްޒާގެ މަގުތަކަށް އަންގާރަ ދުވަހު އެތައް ހާސް ބަޔަކު އެއްވެ މުޒާހަރާކޮށްފައިވެއެވެ. ފަލަސްތީނުގެ ދިދަ ހިފައިގެން ކުރި މި މުޒާހަރާތައް ނަބްލޫސް، ގައްޒާ، ހިބްރޫން އަދި ރާމަﷲގައި ކުރިޔަށް ގެންގޮސްފައިވެއެވެ. މި މުޒާހަރާގައި އެއީ "ގައްދާރުވުން" ކަމަށާއި މިއީ ލަދުވެތި އެއްބަސްވުމެއް ކަމަށް ވަނީ ސިފަކޮށްފައެވެ. 

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އެތަކެއް ލާއިންސާނީ އަމަލުތަކެއް ހިންގަމުން އަންނައިރު މި އެއްބަސްވުމަކީ ޔޫއޭއީ އަދި ބަހްރައިނުން އިސްރާއީލަށް ދިން ހަދިޔާއެއް ގޮތަށް މުޒާހަރާގެ ބައިވެރިން ސިފަކޮށްފައިވެއެވެ. އަދި މިއީ ފަލަސްތީނުގެ މިނިވަންކަން ހޯދުމަށް ހިންގަމުންދާ ހަރަކާތް ކުޑަ އަގެއްގައި ވިއްކާލި އަރަބި ލީޑަރުންގެ ގައިގައި ޖެހިގެންދާނެ ބޮޑު ލަށްގަނޑެއް ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. 

މިއީ މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ކަމަށް ބުނެ އެމެރިކާއިން މެދުވެރިޔެއްގެ ރޯލް އަދާކޮށް ސޮއިކުރުވި އެއްބަސްވުންތަކަށް ވީ ނަމަވެސް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ މެދުއިރުމަތީގައި ސުލްހަ ގާއިމްކުރެވެން އޮތީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގައި ގޮތުގައި ބަލައިގަނެ އިސްރާއީލުން ހިފާފާއިވާ އެގައުމުގެ ބިންތަކުން ފައިބައިގެން ކަމަށް ބުނެފައެވެ. 

ހުކުރު ދުވަހަކީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެކްޓިވިސްޓުން އަންނަނީ މި އެއްބަސްވުންތަކާއި ދެކޮޅު ހަދަމުންނެވެ. 

ބަހްރައިން އަދި ޔޫއޭއީ ވެގެންގޮސްފައިވަނީ 1979 ވަނަ އަހަރު މިސްރާއި 1994 ވަނަ އަހަރު ޖޯޑަންއިން އިސްރާއީލާއެކު ގުޅުން ބަދަހި ކުރި ފަހުން އެގައުމާއެކު ގުޅުން ބަދަހިކުރި އަރަބި ކަރަށް ނިސްބަތްވާ ފުރަތަމަ ގައުމުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު