ޖަޕާންގެ ބޮޑުވަޒީރަކަށް ޔޯޝިހިޑޭ ސޫގާ އިންތިހާބުކޮށްފި

ޖަޕާންގެ އައު ބޮޑުވަޒީރު ޔޮޝިހީޑޭ ސޫގާ ޖަޕާންގެ އައު ބޮޑުވަޒީރު ޔޮޝިހީޑޭ ސޫގާ

ޖަޕާންގެ އައު ބޮޑުވަޒީރަކަށް ޔޮޝިހީޑޭ ސޫގާ އިންތިހާބުކޮށްފިއެވެ. 

އޭނާ އެމަގާމަށް އިންތިހާބުކޮށްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އެގައުމުގެ ގާނޫނޫ ހަދާ މަޖިލީހުގައި ނެގުނު ވޯޓެއްގައެވެ. ގާނޫނު ހަދާ މަޖިލީހުގެ ތިރީ ގެއިން ނެގުނު ވޯޓުގައި އޭނާ ވަނީ 465 ވޯޓުގެ ތެރެއިން 314 ވޯޓު އޭނާ ހޯއްދެވިއިރު މަތީ ގޭގައި ނެގުނު ވޯޓުގައި ވަނީ 240 ވޯޓުގެ ތެރެއިން 142 ވޯޓު ހޯއްދަވާފައެވެ. 

ސޫގާ ވަނީ ހޯމަ ދުވަހު ވެރިކަންކުރާ ލިބެރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ) ގެ ލީޑަރުގެ މަގާމަށް ވެސް 70 އިންސައްތަ ވޯޓާއެކު އިންތިހާބުވެފައެވެ. 

ޖަޕާނުން އައު ބޮޑުވަަޒީރަކު އިންތިހާބުކޮށްފައި މިވަނީ އެމަގާމު އެންމެ ގިނަ ދުވަހަށް އަދާކުރެއްވި ޝިންޒޯ އަބޭ އަލާސްކަންފުޅާއި ގުޅިގެން އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 

ސޫގާގެ ކެބިނެޓް މިއަދުގެ ވަގުތެއްގައި އިއުލާންކުރައްވާނެ ކަމަށް ބެލެވޭއިރު ކެބިނެޓް މިނިސްޓަރުންގެ ގޮތުގައި ކުރީގެ ބޮޑުވަޒީރު އަބޭ އައްޔަނުކުރެއްވި ގިނަ މިނިސްޓަރުންތަކެއް އަލުން އަނބުރާ މަގާމުތަކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. އަބޭގެ ބޮޑުވަޒީރު ކަމުގައި ސޫގާ ހުންނެވީ ކެބިނެޓް ސެކްރެޓަރީގެ މަގާމުގައެވެ. އަދި ސޫގާ އާއި އަބޭ އަކީ ގާތް އެކުވެރި ދެ ބޭފުޅުންނެވެ. 

ވެރިކަމާއި ހަވާލުވެވަޑައިގެން ސޫގާއަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުންތަކަށް ވެގެންދާނީ ކޮވިޑް 19 އާ ގުޅިގެން ޖަޕާންގެ އިގްތިސާދަށް ލިބެމުންދާ ގެއްލުންތައް ކޮންޓްރޯލް ކުރުން ކަމަށް މާހިރުން ވިދާޅުވެއެވެ. ސޫގާގެ އިގްތިސާދީ ތަސައްވަރުތަކަކީ ކުރީގެ ބޮޑުވަޒީރު އަބޭ ވެސް ގެންގުޅުއްވި ފަދަ ސިޔާސަތުތަކެކެވެ. 

ކިޔުންތެރިންގެ ހިޔާލު