ރޭޕްކުރާ މީހުންނަށް ބަންގަލަދޭޝްގައި މަރުގެ ހުކުމް އިއްވަން ނިންމައިފި

މުޙައްމަދު އަފްޒަލް
ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން

ބަންގްލަދޭޝްގައި ޖިންސީ ކުށްތައް ގިނަވެ، އެ ގައުމުގައި ރޭޕްކުރާ މީހުންނަށް މަރުގެ ހުކުމް އިއްވުމަށް ކެބިނެޓުން ނިންމައިފިއެވެ. މިއީ އެގައުމުގެ މަގުތަކުގައި ރޭޕް ކުރުމާއި ޖިންސީ އަނިޔާއާ ދެކޮޅަށް އެތައް ހާސް ބަޔަކު ނުކުމެ އަޑުއުފުލުމުގެ ނަތީޖާއެވެ.

ޖިންސީ ގޯނާއާއި ރޭޕްއާ ދެކޮޅަށް އަޑުއުފުލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެގައުމުގެ ކިޔަވާ ކުދިންނެވެ. މި މުޒާހަރާތަކާއި ގުޅިގެން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާކަން ކެބިނެޓް ސެކްރެޓަރީ އިއުލާންކުރެއްވީ މިއަދުގެ ވަގުތެއްގައެވެ.

ކެބިނެޓް ސެކްރެޓަރީ ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ "ވިމެން އެންޑް ޗައިލްޑް ރިޕްރެޝަން ޕްރިވެންޝަން" ގާނޫނަށް އިސްލާހު ގެނައުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. މި އިސްލާހުތަކުގެ ސަބަބުން، ރޭޕްގެ ތުހުމަތު ސާބިތުވާ މީހުންނަށް މަރުގެ އަދަބު ނުވަތަ "ރިގަރަސް އިމްޕްރިޒަންމެންޓް (ބުރަ މަސައްކަތް ކުރާގޮތަށް ޖަލު ހުކުމް) އިއްވޭނެއެވެ. ބެލެވޭ ގޮތުން މާދަމާގެ ވަގުތެއްގައި އެގައުމުގެ ރައީސް މި ބަދަލުތައް ގެނައުމަށް އަންގާނެއެވެ.

ބަންގްލަދޭޝްގެ މިނިސްޓަރ ފޮރ ލޯ އަނިސުލް ހުގް ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން އެ ގައުމުގައި ރޭޕް ކުރެވޭ މިންވަރު ދަށްވާނޭކަމަށް ސަރުކާރުން އުންމީދުކުރާކަމަށެވެ. އެހެންނަމަވެސް، އެ ގައުމުގައި މަސައްކަތްކުރާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ވަނީ، ބޮޑު އަދަބު އެކަނި ދިނުމަކުން ރޭޕްކުރާ މިންވަރު މަދުނުކުރެވޭނެކަމަށް ބުނެފައެވެ.

ބަންގްލަދޭޝްގައި ރޭޕްކުރުން ވަނީ މިފަހަކަށް އައިސް ވަރަށް އާންމުވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އައިން އޮ ސަލިޝް ކެންޑްރާ ގްރޫޕުން ހާމަކޮށްފައިވާގޮތުގައި މި އަހަރުގެ ފުރަތަމަ ނުވަ މަހުތެރޭގައި 1،000 އަންހެނުން ރޭޕްކޮށްފައިވެއެވެ. މީގެތެރެއިން ފަސްބައިކުޅަ އެއްބައަކީ ގޭންގް ރޭޕްއެވެ. ރޭޕްގެ ޝިކާރައަކަށްވެ އެ ގައުމުގެ 43 އަންހެނުންވެސް  ވަނީ މި މުއްދަތުގެ ތެރޭގައިމަރުވެފައެވެ. ބަންގްލަދޭޝްގައި މިހާރުކުރިއަށްދާ މުޒާހަރާތައްވެސް ފެށުނީ އަންހެނަކު ގޭންގްރޭޕްކުރާ ވީޑިއޯއެއް ފޭސްބުކްގައި އާންމުވުމާ ގުޅިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު