ހައިދަރުއާބާދުގައި ގެޔެއް ވެއްޓި އަށް މީހަކު މަރުވެއްޖެ

އިންޑިއާގެ ހައިދަރުއާބާދުގައި ގެޔެއް ވެއްޓި އަށް މީހަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ޓެލަންގާނާ ސްޓޭޓަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހި ފެންބޮޑުވެފައި ވަނިކޮށެވެ. 

މި ހާދިސާގައި އިތުރު ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށް ވެސް އެ ސްޓޭޓްގެ ފުލުހުން ވަނީ ބުނެފައެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ދެ މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެއެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެ ސަރަހައްދަށް 25 ސެންޓިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މި އަދަދަށް މިދިޔަ 20 އަހަރުގެ ތެރޭގައި ވެސް ވާރޭ ވެހިފައެއް ނުވެއެވެ. 

ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވުމާއެކު ތަފާތު އެކި ހާދިސާތައް އަންނަނީ ހިނގަމުންނެވެ. މިކަމުގެ ސަބަބުން ބައެއް މީހުން ރައްކާތެރިކަމުގެ ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެންޑީޓީވީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވާރޭގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި މިދިޔަ 48 ގަޑިއިރު ތެރޭ ޓެލަންގާނާ ސްޓޭޓުން ވަނީ 12 މީހަކު މަރުވެފައެވެ. 

މި އަހަރުގެ މޫސުމީ ވިއްސާރާގައި ދެކުނު އޭޝިއާގެ 9.6 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައެވެ. މިކަމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ލިބުން ވަނީ ދަތިވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު