ހަތް މަހަށްފަހު އިންޑިއާގެ ސިނަމާތައް ހުޅުވާލައިފި

މުމްބާއީގެ ސިނަމާއެއް ޑިސްއިންފެކްޓް ކުރަނީ މުމްބާއީގެ ސިނަމާއެއް ޑިސްއިންފެކްޓް ކުރަނީ

ކޮވިޑް 19 އާ ގުޅިގެން ބަންދުކުރި އިންޑިއާގެ ސިނަމާތައް ހަތް މަހަށް ފަހު ހުޅުވާލައިފިއެވެ. އެގައުމުގެ 10،000 އަށްވުރެ ގިނަ ސިނަމާތައް މާޗް މަހުގެ ތެރޭގައި ބަންދުކުރީ ކޮވިޑް 19 ގެ ކޭސްތައް އެގައުމުގައި އިތުރުވަމުންދިޔުމާއި ވިދިގެންނެވެ. އާއްމުން އެއްވެ އުޅޭ ތަންތަނުގެ ތެރެއިން އިންޑިއާއިން ހުޅުވާލި މަދު ތަންތަނުގެ ތެރޭގައި ސިނަމާތައް ހިމެނެއެވެ. 

ކޮވިޑް ފެތުރުން ހުއްޓުވުމަށް ސިނަމާތަކުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެގޮތުން މާސްކް އެޅުން މަޖުބޫރުކޮށް ސިނަމާއަށް ވަންނަ މީހުންގެ ޓެމްޕަރޭޗަރ ބަލަން ޖެހެއެވެ. އަދި ސިނަމާގެ ގޮނޑިތައް ދުރުކޮށްފައިވާއިރު ޝޯވްތައް ބާއްވާ އަދަދުތައް މަދުވާނެއެވެ. ހަމައެހެންމެ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ވެސް ވަނީ އެދިފައެވެ. 

އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު މަލްޓިޕްލެކްސް ސިނަމާ އޮޕަރޭޓްކުރާ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ސިނަމާތަކުގައި އަޅުވާނީ ކުރީގެ ފިލްމްތަކެވެ. އެއީ މީހުންގެ އިތުބާރު ހޯދައި ސިނަމާތަކަށް ވަންނަ މީހުންގެ އަދަދު އިތުރުކުރަން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. 

އެގައުމުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރާ ދިވާލީއާ ދިމާކޮށް ބައެއް ފިލްމްތައް ރިލީސްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް އިންޑިއާގެ ސިއްހީ އިދާރާތަކުން ވަނީ ދިވާލީ ފަދަ ފެސްޓިވަލްތަކުގެ ސަބަބުން ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށް ބުނެފައެވެ. 

އިންޑިއާއިން ސިނާމަތައް ހުޅުވާލާފައި މިވަނީ ފާއިތުވެދިޔަ 11 ހަފްތާގެ ތެރޭގައި ކޮވިޑް ޖެހިގެން އެންމެ މަދުން އެގައުމުން މީހުން މަރުވި ދުވަހުއެވެ. އެގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ އެބަލީގައި 680 މީހުން މަރުވެފައިވެއެވެ. އެގައުމުން މި ބަލީގައި މިހާތަނަށް 111،266 މީހުން މަރުވެފައިވާއިރު 7.3 މިލިއަން މީހުންނަށް ބަލިޖެހިފައިވެއެވެ. ކޮންމެ ދުވަހަކު ވެސް ބަލިޖެހޭ މީހުންގެ އަދަދު އެންމެ ގިނައީ އިންޑިއާ ކަމަށްވާއިރު ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމެރިކާ ވައްޓާލުމަށްފަހު އެންމެ ގިނަ މީހުން ޕޮސިޓިވްވި ގައުމަކަށް އިންޑިއާ ވާނެއެވެ. 


ކިޔުންތެރިންގެ ހިޔާލު