ހާލެއް ދިން ހަމަލާއަކުން ފިލިޕީންސްގެ ފުލުހެއް މަރުވެއްޖެ، ހަތް ހާ ފުލުހުންގެ ބެލުމުގެ ދަށަށް

ހާލެއް ދިން ހަމަލާއަކުން ފިލިޕީންސްގެ ފުލުސް އޮފިސަރެއް މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ އުތުރު ސަމަރ ޕްރޮވިންސްގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ކޮކްފައިޓެއް ހުއްޓުވުމަށް ކުރި ރެއިޑެއްގެ ތެރެއިންނެވެ. 

މަރުވެފައިވަނީ ލިއުޓެނަންޓް ކްރިސްޓިއަން ބޮލޮކް ނަމަކަށް ކިޔާ އޮފިސަރެކެވެ. އޭނާ މަރުވީ ހާލުގެ ފައިގައި ހަރުކޮށްފައި ހުރި ތޫނު ރޭޒަރު ތިލައަކުން ދިން ހަމަލާއަކާ ގުޅިގެންނެވެ. ވާތު ފަލަމަސްގަނޑަށް ދިން މި ހަމަލާއާ ގުޅިގެން ގިނަ އަދަދަކަށް ލޭ ފައިބަފައިވެއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ކޮވިޑް 19 އާ ގުޅިގެން ހާލުގެ މެދުގައި ފިލިޕީންސްގައި އާއްމުކޮށް ބާއްވާ ކޮކްފައިޓް މުބާރާތްތައް އޮތީ މަނާކޮށްފައެވެ. 

އެ ޕްރޮވިންސްގެ ފުލުސް ޗީފް ވިދާޅުވީ މިއީ ވަރަށް ދެރަކޮށް ދިމާވި ބަދުނަސީބު ކަމެއް ކަމަށެވެ. އަދި މިއީ 25 އަހަރުގެ ހިދުމަތުގައި ހާލެއްގެ ސަބަބުން ފުލުހެއް މަރުވި ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށް ހަތް ހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު