ތުރުކީ - ގްރީސް ބިންހެލުމުގައި 27 މީހުން މަރުވެއްޖެ

ތުރުކީ އަދި ގްރީސްއަށް އައި ބާރުގަދަ ބިންހެލުމުގައި 27 މީހުން މަރުވެ 800 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

މި ބިންހެލުން އައިސްފައިވަނީ ތުރުކީގެ އިޒްމީރު ނަމަކަށް ކިޔާ ސިޓީއަކަށެވެ. މި ބިންހެލުމުގެ އަސަރު ގްރީސްގެ ރަށެއް ކަމަށްވާ ސަމޯސްއަށް ވެސް ކުރިއެވެ. އެގޮތުން އިޒްމީރުން 25 މީހުން މަރުވިއިރު ސަމޯސްއިން މަރުވެފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު މަރުވެފައެވެ. 

އިޒްމީރުގެ މޭޔަރު ސީއެންއެންއަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ބިންހެލުމުގައި 20 އިމާރާތް ވަނީ ވެއްޓިފައެވެ. އަދި އެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މެދުނުކެނޑި އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތްކޮށްފައެވެ. 

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 7.0 ގެ ބާރު މިނުގައެވެ. އެހެން ނަމަވެސް ތުރުކީގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިއީ ރިކްޓަރ މިންގަނޑުން 6.6 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. މި ބިންހެލުމުގެ ސަބަބުން ކަނޑުގެ ބާނިތައް ބޮޑުވެ ތުރުކީ އަދި ގްރީސްގެ ބައެއް ރަށްތަކަށް އުދަ ވެސް އަރާފައިވެއެވެ. 

މި ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދަށް 4000 ގާތްކުރާއ އަދަދަކަށް ރެސްކިއު ވޯކަރުން ފޮނުވާފައިވާއިރު 475 ވެހިކަލް އާއި މީހުން ހޯދާ 20 ކުއްތާ ވެސް އަންނަނީ ބޭނުންކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު