ބޭރު ގައުމްތަކުގެ ރައްޔިތުންނަށް އުމްރާ ކުރުމަށް ހަރަމްފުޅު ހުޅުވާލައިފި

ގާތްގަޑަކަށް 10،000 މީހުން އުމްރާ ކުރުމަށް ސައުދީ އަރަބިއާއަށް ގޮސްފައިވޭ ގާތްގަޑަކަށް 10،000 މީހުން އުމްރާ ކުރުމަށް ސައުދީ އަރަބިއާއަށް ގޮސްފައިވޭ

ކޮރޯނާ ވައިރަސްގެ ސަބަބުން އުމްރާ ކުރުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލިތާ ގާތްގަޑަކަށް 7 މަސް ދުވަސް ފަހުން ހަރަމްފުޅު ހުޅުވާލައިފިއެވެ. 

އުމްރާ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ސައުދީ އަރަބިއާއިން ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މޭގެތެރެއިން ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އުމްރާ ކުރުމުގެ ފުރުސަތު ލިބޭނީ 3 ވަނަ ފިޔަވަހިންނެވެ. އެއީ 1 ނޮވެމްބަރުން ފެށިގެންނެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އިއްޔެ ހަރަމްފުޅު ބޭރު ގައުމްތަކުގެ ރައްޔިތުންނަށް އުމްރާ ކުރެވޭ ގޮތަށް ހުޅުވާލުމާއެކު، ގާތްގަޑަކަށް 10،000 މީހުން އުމްރާ ކުރުމަށް ސައުދީ އަރަބިއާއަށް ގޮސްފައިވެއެވެ. 

ސައުދީ އަރަބިއާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ވިދާޅުވީ، ސައުދީ އަރަބިއާއަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެ ގައުމުގައި 3 ދުވަސް އައިސޮލޭޓް ވާންޖެހޭނެ ކަމަށެވެ. ހަރަމްފުޅަށް ދަތުރުކުރެވޭނީ މި އައިސޮލޭޝަންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހުއެވެ. އަދި ސައުދީ އަރަބިއާގައި ހުރެވޭނީ ގިނަވެގެން 10 ދުވަހުގެ މުއްދަތަކަށެވެ. 

މައްކާއަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މުސްލިމުން އުމްރާ ކުރުމަށް ދަތުރުކުރެއެވެ. މިދިޔަ އަހަރު 19 މިލިއަން މީހުން އުމްރާގެ އަޅުކަންތައް ފުރިހަމަ ކޮށްފައިވެއެވެ. މިހާރު ހަރަމްފުޅުގައި އުމްރާ ކުރެވެނީ ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ. މިއީ ސައުދީ އަރަބިއާގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގެ ސަރުކާރުން އެޅި ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު