ބަލި ގަބޫލުކުރެއްވުމަށް ޓްރަމްޕްގެ އަރިހުން ދަނބިދަރިކަލުން އެދިވަޑައިގެންފި

އެމެރިކާގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި މިހާރު ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރ އެމަނިކުފާނުގެ އަރިހުން ބަލި ގަބޫލުކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް ސީއެންއެންއިން ހާމަކޮށްފިއެވެ. ސީއެންއެންއިން ބުނެފައިވާ ގޮތުގައި އިތުބާރު ހުރި ދެ މަސްދަރަކުން ކުޝްނަރ މިގޮތަށް އެދިވަޑައިގެންނެވިކަން ވަނީ ކަށަވަރުކޮށްދީފައެވެ. 

ޓްރަމްޕް ބަލިކޮށް އިންތިހާބު ކާމިޔާބުކުރެއްވީ ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ބަރަކް އޮބަމާގެ ދައުރުގައި ނައިބް ރައީސްގެ މަގަމު ފުރުއްވި ޖޯ ބައިޑެންއެވެ. އެހެން ނަމަވެސް ޓްރަމްޕް ވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވައި ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަމާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ޓީމުން އަންނަނީ އެކި ސްޓޭޓްތަކުގައި ކޯޓަށް މައްސަލަތައް ހުށަހަޅުއްވަމުންނެވެ. 

ޓްރަމްޕް ނެރުއްވައި ބަޔާނެއްގައި ވަނީ ތެދުވެރި އަދި ދެފުށްފެންނަ ގޮތަކަށް ވޯޓުތައް ނުގުނެނީސް ހިމޭނުން ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހޯމަ ދުވަހުގެ ވަގުތެއްގައި ކޯޓުތަކަށް އަނެއްކާ ވެސް މައްސަލަތައް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ކުރައްވާފައެވެ. 

ބައިޑެންގެ ކެމްޕޭންގެ ޑެޕިއުޓީ މެނޭޖަރު ވަނީ ޓްރަމްޕާއި ބައިޑެންއާ ދެމެދު އެއްވެސް ވާހަކަތަކެއް ދެކެވިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގެނަންވާ ކޮންގްރެސް މެމްބަރުން ބައިޑެންއަށް މަރުހަބާ ވިދާޅުވަމުންދާ ކަމަށް ހާމަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު