ކޮވިޑް 19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ސްޓޭޓްތަކުން ހަރުކަށިކުރަނީ

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް އެމެރިކާގެ ބައެއް ސްޓޭޓްތަކުން ނިންމައިފިއެވެ. 

އެވެރުޖުކޮށް ދުވާލެއްގެ މައްޗަށް 900 މީހުން އެގައުމުން މި ބަލީގައި މަރުވަމުން އަންނައިރު ދުނިޔޭގައި އެންމެ ގިނައިން މި ބަލީގައި މީހުން މަރުވީ ވެސް އެގައުމުންނެވެ. ފާއިތުވެދިޔަ 11 ދުވަހު ވެސް ދުވާލެއްގެ މައްޗަށް އެއް ލައްކަ މީހުންނަށް ވުރެ ގިނަ މީހުންނަށް އެމެރިކާއިން މި ބަލި ޖެހެމުންދާއިރު 67000 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިކަމާއި ގުޅިގެން ގިނަ ސްޓޭޓްތަކަކުން ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ނިންމާފައެވެ. 

އެގޮތުން އޮރެގަން އަދި ނިއު މެކްސިކޯއިން ވަނީ ކޮންމެހެން ބޭނުންވާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތައް ބަންދުކުރުމަށް ނިންމާފައެވެ. އަދި އެކަކު އަނެކަކާ ބައްދަލުވެ އުޅުން ވެސް މަދުކުރުމަށް އެ ސްޓޭޓްތަކުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. 

ފާއިތުވެދިޔަ ދުވަސްތަކުގައި ކޭސްތައް ފެންނަ މިންވަރު އެންމެ ބޮޑަށް އިތުރު ވެފައިވާ ސްޓޭޓްތަކުގެ ތެރޭގައި އަޔޯވާ، މިނެސޯޓާ، މިޝިގަން އަދި އިލިނޮއި ހިމެނެއެވެ. 

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގެ 10.7 މިލިއަން މީހުންނަށް މި ބަލި ޖެހި 244،000 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބު މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވެސް ކާމިޔާބު ނުކުރެވުނު މައިގަނޑު އެއް ސަބަބަކީ ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތައް ދޯހަޅިކަމުން ކަމަށް މާހިރުން ދެކެއެވެ. 

ކިޔުންތެރިންގެ ހިޔާލު