ޖީ7 ގެ ސަމިޓް ބޭއްވުމަށް ޓްރަމްޕް އެއްވެެސް މަސައްކަތެއް ނުކުރައްވާ!

ދުނިޔޭގެ އެންމެ ބޮޑު ހަތް އިގްތިޞާދު ކަމަށްވާ ޖީ7 ގެ ލީޑަރުންގެ ބައްދަލުވުން ބޭއްވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ. މިއަހަރުގެ ޖޫން މަހު މި ސަމިޓް ބޭއްވުމަށް ތާވަލުކުރެވުނު ނަމަވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން ސަމިޓް ފަސްކުރެވުނެވެ. 

ރިޔާސީ އިންތިހާބުން ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން އަތުން ބަލިވި ނަމަވެސް ޓްރަމްޕް ބަލި ގަބޫލުކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ޖެނުއަރީ 20 ވަނަ ދުވަހު އެމަނިކުފާނުގެ ދައުރު ބަދަލުވާއިރު ޖީ7 ގެ ސަމިޓް އޭގެކުރިން ބޭއްވުމަށް އެމަނިކުފާނު އެއްވެސް މަސައްކަތެއް މިހާތަނަށް ކުރައްވާފައެއް ނުވެއެވެ. 

އޮންލައިންކޮށް މި ސަމިޓް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު އޮތް ނަމަވެސް ޖޮއިންޓް ސްޓޭޓްމަންޓެއް ނެރުމަށް ވެސް އެމެރިކާއިން އެެއްވެސް މަސައްކަތެއް ކޮށްފައިވާ ނުވާކަމަށް ޑިޕްލޮމަޓިކް މަސްދަރުތަކުން އަންނަނީ ބުނަމުންނެވެ. އާއްމު ގޮތެއްގައި ގައުމުތަކެއް ގުޅިގެން ނެރޭ ޖޮއިންޓް ސްޓޭޓްމަންޓެއް ތައްޔާރުކުރުމަށް ވެސް ގިނަ ދުވަސްތަކެއް ނަގައެވެ. މިކަމާއި ގުޅިގެން ވައިޓް ހައުސްއާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. 

ޖީ7 އެކުލެވެނީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ޖަޕާން، އިޓަލީ އަދި ކެނެޑާއެވެ. މި ބައްދަލުވުންތަކުގައި ޔޫރަޕިއަން ޔޫނިއަނުން ވެސް ބައިވެރިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު