ކޮވިޑް ވެކްސިން: ފައިޒާއިން އެމެރިކާގައި ވެކްސިން ބޭނުންކުރަން ހުއްދަ ހޯދަނީ

ފައިޒާގެ ވެކްސިން ކޮވިޑް ހުއްޓުވުމުގައި 95 އިންސައްތަ ކާމިޔާބު ފައިޒާގެ ވެކްސިން ކޮވިޑް ހުއްޓުވުމުގައި 95 އިންސައްތަ ކާމިޔާބު

ކޮވިޑް-19 ވެކްސިންއެއް އުފެއްދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ ފައިޒާ އިން އެ ކުންފުނީގެ ވެކްސިން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދައަކަށް އެދި އެ ގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އަށް ހުށަހަޅައިފިއެވެ.

ފައިޒާއިން ބައޯ.އެން.ޓެކް ކުންފުންޏާއި އެކު ގުޅިގެން އުފައްދާފައިވާ ވެކްސިންގެ އެމެރިކާގައި ބޭނުންކުރުމަށް ހުއްދައަކަށް އެދިފައިވަނީ އިއްޔެއެވެ. އެ ވެކްސިންގެ ކާމިޔާބުކަން ކަށަވަރުކުރުމަށްޓަކައި ހުށަހަޅާފައިވާ ޑޭޓާތައް ބެލުމަށްފަހު، އެފްޑީއޭއިން ހުއްދަ ދިނުމަށް ކިހާ މުއްދަތެއް ނަގާނެކަން އަދި ޔަގީނެއް ނޫނެވެ. އެހެންނަމަވެސް، އެމެރިކާގެ ސަރުކާރުން އުންމީދުކުރާ ގޮތުގައި އަންނަ މަހުގެ ކުރީކޮޅު އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދޫކުރާނެއެވެ.

ފައިޒާ އަދި ބައޯ.އެން.ޓެކް އިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ މަހުގެ ކުރީ ކޮޅު ހުއްދަ ލިބިއްޖެނަމަ، ވަގުތުން ވެކްސިން ދޫކުރަން ފެށޭނެއެވެ. މިކަމާ ގުޅިގެން ފައިޒާގެ ސީއީއޯ ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ކޮވިޑް ވެކްސިން ބޭނުންކުރުމުގެ ހުއްދައަކަށް އެދެވުމަކީ މުޅި ދުނިޔެއަށްވެސް ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތައް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފައިޒާއިން ނެރެފައިވާ ލިޔެކިޔުންތަކުން ދައްކާގޮތުން، އެ ކުންފުނީގެ ވެކްސިން ކޮވިޑް ހުއްޓުވުމުގައި 95 އިންސައްތަ ކާމިޔާބެވެ. އެ ކުންފުނީގެ ވެކްސިންއަށް މިހާރު ބޮޑު ޑިމާންޑެއް އޮތް އިރު، އިނގިރޭސިވިލާތުން ވަނީ 40 މިލިއަން ވެކްސިން ޑޯޒްްއަށް ޕްރީ އޯޑާ ކޮށްފައެވެ. މި އަހަރު ނިމުމުގެ ކުރިން އެ ގައުމަށް 10 މިލިއަން ލިބޭނެކަމަށް ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު