ޤަތަރާއެކު ސައުދީއިން އަލުން ގުޅުން ގާއިމްކުރަނީ!

ޤަތަރާއެކު އަލުން ގުޅުން ގާއިމްކުރުމަށް ސައުދީ އަރަބިއްޔާއިން ކުރިޔަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް ސައުދީގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވެއްޖެއެވެ. 

އީރާނާއި ގާތް ގުޅުމެއް ބާއްވައި ޓެރަރިޒަމަށް ފައިނޭންސް ކުރާ ކަމުގެ ތުހުމަތުގައި ސައުދީއިން ޤަތަރާއެކު އޮތް ގުޅުން ކަނޑާލީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މިކަމާއި ގުޅޭގޮތުން ދެގައުމުގެ މެދުގައި މިހާރު މަޝްވަރާތައް ކުރިޔަށް ގެންދަމުންދާއިރު ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި މި މައްސަލައަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. 

މިހާރު ކުރެވެމުންދާ މަޝްވަރާތަކާއެކު ވަރަށް އަވަހަށް ފައިނަލް އެގްރީމަންޓަކަށް އާދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕްރިންސް ފައިސަލް ވިދާޅުވިއެވެ. އަދި މި މައްސަލާގައި ޝާމިލްވާ ހުރިހާ ގައުމަކުން ވެސް މި އެއްބަސްވުމުގައި ބައިވެރިވާނެ ކަމަށް ޕްރިންސް ފައިސަލް ހާމަކުރެއްވިއެވެ. ސައުދީގެ އިތުރުން ބަހްރައިން، މިސްރު އަދި ޔޫއޭއީއިން ވެސް ވަނީ މި މައްސަލާގައި ޤަތަރާއި ގުޅުން ކަނޑާލާފައެވެ. 

މި ގައުމުތަކުން ކުރާ ތުހުމަތުތައް ދޮގުކޮށް މަޝްވަރާއަށް ތައްޔާރަށް އޮތްކަމަށް ތަކުރާރުކޮށް ޤަތަރުން ވަނީ މީގެކުރިން ހާމަކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު